އިންޑިއާ ޙައްޖުވެރީންތަކެއް ހާލެއްގައި - ފާޚާނާގެ ނަޖިސް ފެން ކޮޓަރި ތެރެއަށް ފެތުރޭ މަންޒަރު
މައްކާގެ ޢަޒީޒިއްޔާ ސަރަހައްދުގައި ހުންނަ ހޮސްޓެލެއްގައި ތިބި އިންޑިއާގެ ޙައްޖުވެރީން ވަރަށް ދެރަވަރު ހާލެއްގައި ތިބި ތަން ފެންނަ ވީޑިއޯއެއް ވައިރަލް ވެ، އިންޑިއާގައި ބޮޑު ކޮންޓްރޯވާޝީއަކަށް ވެއްޖެއެވެ.
ޢަޒީޒިއްޔާގެ "އާޞަފް އަލް-ޤުރައިޝީ ހޮސްޓެލް" އިން މެއި އެކަކާއި ދެވަނަ ދުވަހު ވީޑިއޯ ކުރި މަންޒަރުތަކުން ފެންނަނީ ފާޚާނާގެ ނަޖިސް ފެން ކޮޓަރި ތެރެއަށް ފެތުރިފައިވާ ތަނެވެ. ޙައްޖުވެރީން ނިދައި ނަމާދު ކުރާ ފްލޯ ތެރޭ ފެން ޖަމާވެފައި ހުއްޓެވެ. އެއް ކޮޓަރިއެއްގައި 16 ޙައްޖުވެރީން، އެ 16 މީހުންނަށް ހުރީ އެންމެ ފާޚާނާއެކެވެ. ބައެއް ޢިމާރާތްތަކުގެ ލިފްޓުތައް ހަލާކުވެފައި ވުމުން ޢުމުރުން ދުވަސްވީ، ހުޅުތަކަށް ތަދުވާ، އަދި ނޭވާލާން އުނދަގޫވާ ޙައްޖުވެރީން ވެސް ސިޑިން އަރާ ފައިބަން ޖެހޭ ކަމަށް ޝަކުވާ ކޮށްފައިވެއެވެ. ޢާއިލާތައް އެކި ޢިމާރާތްތަކަށް ވަކިކޮށްލެވިފައިވުމުން ޖަޒުބާތީ ކަންބޮޑުވުން ވެސް އެބަ ހުއްޓެވެ.
ވީޑިއޯ ފުރަތަމަ ޢާންމުކުރީ އާމް އާދްމީ ޕާޓީ (އޭއޭޕީ) ގެ ރާޖްޔާ ސަބާ މެންބަރު ސަންޖޭ ސިންގެވެ. ހުކުރު ދުވަހު (މެއި އެކެއް) އެކްސްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ "ބިލްޑިން ނަންބަރު 0165 ގެ ހާލަތު ލަދުވެތި" ކަމަށެވެ. "ގާތްގަނޑަކަށް ހަތަރު ލައްކަ ރުޕީ ނެގި ނަމަވެސް ޢާއިލާތައް ވަކި، އެއް ކޮޓަރިއެއްގައި 16 މީހުން، ލިފްޓު ހަލާކުވެފައި، 16 މީހުންނަށް ހަޑި ފާޚާނާއެއް. ކޮޓަރީގެ ތެރޭ ފާޚާނާގެ ނަޖިސް ފެން ޖަމާވެފައި. މިއީ ކެތްނުކުރެވޭނެ ކަމެއް" ކަމަށް ވެސް ބުންޏެވެ.
ޕެކޭޖުތަކަށް ޙައްޖުވެރީން ދައްކާފައި ވަނީ ހަތަރު ލައްކަ އިން ފެށިގެން ދިހަ ލައްކަ ރުޕީ (ގާތްގަނޑަކަށް 4,800 އިން 12,000 ޑޮލަރު) އާ ދެމެދުގެ އަދަދެކެވެ. ޙައްޖު ކޮމިޓީ އޮފް އިންޑިއާ އިން ވަނީ އެމްބާކޭޝަން ޕޮއިންޓަށް ބަލައި 333,200 އިން 409,000 ރުޕީ އާ ދެމެދު އަގެއް ނަގާފައެވެ. އޭގެ އިތުރުން ދާދި ފަހުން ޓިކެޓުގެ އިތުރު ޚަރަދެއްގެ ގޮތުގައި 10,000 ރުޕީ (100 ޑޮލަރު) ނަގަން ވެސް ވަނީ ނިންމައިފައެވެ. އެ ޚަރަދު ނަގަން ޖެހުނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޖެޓު ތެލުގެ އަގު މައްޗަށް ދިއުމުން ކަމަށް އިންޑިއާ ސަރުކާރުން ބުންޏެވެ. "މިހާ ފައިސާ ދައްކައިފައި މިހާ ހާލުގައި އުޅެން ޖެހޭނެ ކަމަށް އަޅުގަނޑުމެން ހީވެސް ނުކުރަމު" ޢަޒީޒިއްޔާ ހޮސްޓެލްގައި ތިބި ޙައްޖުވެރީން ވީޑިއޯއެއްގައި ބުންޏެވެ. "ދިހަ އަހަރު ޖަމާކޮށްފައި ޖަމާކޮށްފައި އެއްކުރި ފައިސާއަށް ދިޔައީ. ގްރީން ކެޓަގަރީ ޕެކޭޖު ނެގީ ރަނގަޅު ފެސިލިޓީ ލިބޭނެ ކަމަށް. އެކަމަކު ބޭބެ-ބައްޕައިން ތިބީ ހަމަ ރެފިއުޖީ ކޭމްޕެއް ކަހަލަ ތަނެއްގައި" ކަމަށް އެއް ޙައްޖުވެރިއެއްގެ ޢާއިލާ މެންބަރަކު މީޑިއާތަކަށް ބުނި ކަމަށްވެއެވެ.
ވީޑިއޯ ވައިރަލް ވުމާ އެކު އިންޑިއާގެ ސިޔާސީ މަޝްރަޙު ހޫނުވެގެން ދިޔައެވެ. ކޮންގްރެސްގެ ކުރީގެ އެމްޕީ ކުންވަރު ދާނިޝް ޢަލީ ވަނީ މައިނޯރިޓީ އެފެއާޒް ވުޒާރާގެ ވަޒީރު ކިރެން ރިޖިޖޫއަށް ފާޑުކިޔައިފައެވެ. އަދި އޭއައިއެމްއައިއެމްގެ ވާރިސް ޕަޓާން ވެސް ވަނީ ޓިކެޓު އަގު މައްޗަށް އެރުވުމާ އެކު މި ހާލަތު ކޮންޓްރޯލް ނުވުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. މަދުޔަ ޕްރަދޭޝްގެ ޙާޖީ މުޙައްމަދު ޢިމްރާން ހާރޫން ވަނީ ނަޒާހާތްތެރި ޢިންކުއައިރީއެއް ހިންގުމަށް ވެސް ގޮވާލައިފައެވެ.
ވީޑިއޯ ވައިރަލް ވުމަށް ފަހު އިންޑިއާ ޙައްޖު ޕިލްގްރިމްސް އޮފީސް (އައިއެޗްޕީއޯ) އާއި ރިޔާޛުގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ ކުރު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ ވެލްފެއާ ޓީމުތައް މިހާރު ބިލްޑިން ނަންބަރު 0165 ގައި މައްސަލަ ބަލަމުންދާ ކަމަށެވެ. ޙައްޖު މިޝަނުން ވަނީ "މިއީ ޕްލަމްބިން ކުޑަ މައްސަލައެއް، މިހާރު ޙައްލުކޮށްފީން" ކަމަށް ޓްވީޓެއްގައި ބުނެފައެވެ. ނަމަވެސް ޢާންމުންނާއި ޙައްޖުވެރީންގެ ޢާއިލާތަކުން ބުނާ ގޮތުގައި މި ޒާތުގެ ޝަކުވާތައް 2023 ވަނަ އަހަރުގެ ޙައްޖު ސީޒަނުގައި ވެސް ތެލެންގާނާ ޙައްޖުވެރީންގެ ފަރާތުން އައެވެ. އެ ފަހަރު އެއް ކޮޓަރިއެއްގައި ހައެއް އިން އަށް މީހުން، ފާޚާނާގައި ދޮރު ނެތުން ފަދަ ޝަކުވާތައް އައި ނަމަވެސް މި އަހަރު ވެސް އެ މައްސަލަ ޙައްލު ނުވެ އިތުރަށް ގޯސްވެފައި ވެއެވެ.
މި އަހަރުގެ ޙައްޖުގައި އިންޑިއާގެ ޖުމްލަ 175,000 އަށް ވުރެ ގިނަ ޙައްޖުވެރީން ބައިވެރިވެއެވެ. މެއި 25 ވަނަ ދުވަހު ރަސްމީ ޙައްޖު ފެށޭ އިރު، ޢަޒީޒިއްޔާ ހޮސްޓެލްގައި ތިބި ޙައްޖުވެރީންގެ ހާލަތު ވަގުތުން ހައްލު ކުރެވޭނެތޯ ނުވަތަ ނޫން ތޯ، އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.