Advertisement

ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން މިނާގައި 74 އެސްކަލޭޓަރު ހަރުކޮށްފި

04 May 2026 | 19:47
-

2026 ވަނަ އަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ޙައްޖުވެރީންގެ ދަތުރު ފަސޭހަކޮށްދިނުމަށް ޓަކައި މިނާގެ މުހިންމު ސަރަހައްދުތަކުގައި 74 އެސްކަލޭޓަރު ހަރުކޮށް ނިމިއްޖެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހިންގާފައިވަނީ ރޯޔަލް ކޮމިޝަން ފޯ މައްކާ ސިޓީ އެންޑް ހޯލީ ސައިޓްސްގެ ދަށުން ހިނގާ ކިދާނާ ޑިވެލޮޕްމަންޓް ކޮމްޕެނީންނެވެ. މަސައްކަތް ކުރިއަށް ގެންދިޔައީ ތިން ފިޔަވައްސަކަށް ބަހައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި 2024 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި 32 އެސްކަލޭޓަރު ހަރުކުރި އިރު، ދެވަނަ ފިޔަވަހީގައި 2025 ވަނަ އަހަރު ވެސް 32 އެސްކަލޭޓަރު ހަރުކޮށްފައިވެއެވެ. މި އަހަރުގެ ތިންވަނަ ފިޔަވަހީގައި އާ އަށް ސަރަހައްދެއްގައި 10 އެސްކަލޭޓަރު ހަރުކޮށް، ޖުމްލަ ޢަދަދު 74 އަށް އަރައިފައިވެއެވެ.

Advertisement

މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ޙައްޖުގެ މުޤައްދަސް ތަންތަނުގެ އުމްރާނީ ވަސީލަތްތަކާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޙައްޖުވެރީންގެ ދަތުރު ފަސޭހަކޮށްދިނުމެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ސިއްހީ ހާލަތު ހުންނަ ޙައްޖުވެރީންނަށް ޖިސްމާނީ ބުރަ ކުޑަކޮށްދިނުމަކީ މަޝްރޫޢުން ހާސިލްކުރަން ބޭނުންވާ މުހިންމު ކަމެއް ކަމަށް ކިދާނާ އިން ބުނެއެވެ.

މީގެ އިތުރުން މި އެސްކަލޭޓަރުތަކުގެ ސަބަބުން ޙައްޖުވެރީންގެ ޓެންޓު ސަރަހައްދުތަކާއި ޚިދުމަތްދޭ މަރުކަޒުތަކާ ދެމެދު ދަތުރުކުރުމުގެ ވަގުތު ކުރުވާނެ ކަމަށާއި، ޢާންމުކޮށް ބޭނުންކުރާ މަގުތަކާއި ސިޑިތަކުގައި ތޮއްޖެހުން ވެސް ކުޑަވާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް