އަލްޔާ އާއި ރޫނާގެ ބަންދަށް އިތުރު 25 ދުވަސް - އެތެރެކުރި ކަމުގެ ތުހުމަތުވާ އަލްޔާ ޑިޕްރެޝަނަށް ބޭސް ކާކަން ފާހަގަކޮށްފައިވޭ
ވައިގެ މަގުން ރާއްޖެއަށް 1.820 ކިލޯ ގްރާމް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ އަންހެނެއްގެ ބަންދަށް 25 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވާ ކަން ބަންދު އަމުރުން އެނގިއްޖެއެވެ.
ބަންދު އިތުރުކޮށްފައި ވަނީ ގ. މުތީގެއާގެ، ޢަލްޔާ ޝަރްސާ ނަޞީރު (25އ) އާއި ބިޖިލީއުފާ، ކ. ތުލުސްދޫ، އާމިނަތު ރޫނާ (29އ) ގެ ބަންދެވެ. މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް، ޓްރެފިކް ކުރުމެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޢަލްޔާ ހައްޔަރުކޮށްފައި ވަނީ މި ހިނގާ އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުންނެވެ. ރޫނާ ހައްޔަރުކޮށްފައި ވަނީ ހަމަ އެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި ފުލުހުން ވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގައިފައެވެ. ރޫނާގެ ގެއިން ފެނުނު ލަގެޖުގައި ހުރި ތަކެއްޗާއި ކޮންޓްރޯލް ޑެލިވަރީގެ ފޮށީގައި ހުރި ތަކެތި އެއްގޮތް ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. ޢަލްޔާގެ ލަގެޖުން މަސްތުވާތަކެތި ފެނުނު ކަމާ މެދު އޭނާ އިންކާރުކޮށްފައެއް ނުވެއެވެ.
މި ދެ މީހުން ފުރަތަމަ 15 ދުވަހަށް ބަންދުކުރީ އެޕްރީލް 18 ވަނަ ދުވަހުއެވެ. އެ މުއްދަތު މިއަދު ހަމަވުމާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން ޤާޟީ އަޙްމަދު ޝާފިޢު ނިންމެވީ 28 މޭ ގެ ނިޔަލަށް ބަންދު އިތުރުކުރުމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޢަލްޔާ އަކީ ޑިޕްރެޝަނަށް ފަރުވާ ހޯދާ ފަރާތެއް ކަމަށް ވާތީ، އެކަން ގާތުން ބެލުމަށާއި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ޤާޟީ ވަނީ ފުލުހުންނަށް އަންގަވައިފައެވެ.