Advertisement

ޙައްޖު 1447: މައްކާގައި ޤާއިމުކުރާ ޙައްޖު އޮފީހުގެ ވެރިޔަކަށް ޝައިޚް އިމްތިޠާއު، އިސް ޝައިޚަކަށް ޑރ. އިލްޔާސް

03 May 2026 | 12:29
-

މި އަހަރުގެ ޙައްޖު މޫސުމުގައި މައްކާގައި ޤާއިމުކުރާ ދިވެހި ޙައްޖުވެރީންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ހަމަޖައްސައި، ޙައްޖުވެރީންނާ އެކު ވަޑައިގަންނަވާ އިސް ޝައިޚަކަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިން ކަނޑައަޅައިފިއެވެ.

މިއީ 1447 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖާޖީންނަށް މައްކާގައި ދޭންޖެހޭ އެކި ޚިދުމަތްތަކާއި އިރުޝާދުތައް ދިނުމަށް ޓަކައި ދިވެހި ޙައްޖު މިޝަނުން ކޮށްފައިވާ ޚާއްޞަ ދެ ޢައްޔަނު ކުރުމެކެވެ. މި ދެ ޢައްޔަނު ކުރުމުގެ މަޢުލޫމާތު ހިއްސާކޮށްފައިވަނީ ދިވެހި ޙައްޖު މިޝަނުންނެވެ.

Advertisement

ޙައްޖު މޫސުމުގައި ވުޒާރާ އިން މައްކާގައި ޤާއިމުކުރާ ދިވެހި ޙައްޖުވެރީންގެ ކަންކަމާ ބެހޭ އޮފީހަކީ ޙައްޖުގެ ދުވަސްވަރު ދިވެހި ޙައްޖާޖީންނަށް ދިމާވާ އެކި ކަންކަން ހައްލުކުރުމާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މައި މަރުކަޒެވެ. އެ އޮފީހުގެ ވެރިޔަކަށް ހަމަޖެއްސެވި ޝައިޚް އިމްތިޠާއު ޢައްބާސް އަކީ ދީނީ ޢިލްމުވެރިއެއްގެ އިތުރުން މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލްއެވެ.

ޙައްޖުވެރީންނާ އެކު ވަޑައިގަންނަވާ އިސް ޝައިޚަކީ ޙައްޖުގެ އަޅުކަމުގެ ރުކުންތަކާއި ވާޖިބުތައް ކުރިއަށް ގެންދިއުމުގައި ޙައްޖާޖީންނަށް ބޭނުންވާ ދީނީ އިރުޝާދުތައް ދިނުމާއި ޝަރުޢީ ސުވާލުތަކަށް ޖަވާބު ދިނުމުގެ ޒިންމާ އުފުއްލަވާ ބޭފުޅެކެވެ. އެ މަސްއޫލިއްޔަތު މި އަހަރު ހަވާލުވެވަޑައިގަންނަވާ ޑރ. އިލްޔާސް ޙުސައިންއަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރެކެވެ.

މި އަހަރު ރާއްޖެ އިން ޙައްޖަށް ދިއުމަށް ހަމަޖެހިފައިވަނީ 1,000 ޙައްޖުވެރީންނެވެ. ފުރަން ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން 500 ޙައްޖުވެރީން ދަތުރުކުރާނީ މޯލްޑިވިއަންގައެވެ. ބާކީ 500 ޙައްޖުވެރީން ދަތުރުކުރާނީ ސައުދިއާ އެއާލައިންސްގައެވެ.

Advertisement

ކޮމެންޓް