270 އަށް ވުރެ ގިނަ ނޫސް - ދިވެހި މީޑިއާ ކޮން ހިސާބެއްގައި؟
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރާ އިރު، ދިވެހިރާއްޖެއަކީ އާބާދީގެ ނިސްބަތުން ދުނިޔޭގައި މީޑިއާ އެންމެ ގިނަ އެއް ޤައުމެވެ. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާ ބެހޭ ވުޒާރާއިން ދާދި ފަހުން ހާމަކޮށްފައިވާ މީޑިއާ ރަޖިސްޓްރީ އިން ދައްކާ ގޮތުގައި ރާއްޖޭގައި 270 އަށް ވުރެ ގިނަ ނޫސް މީޑިއާ ރަޖިސްޓްރީ ކޮށްފައިވެއެވެ. ގާތްގަނޑަކަށް 520,000 މީހުންގެ އާބާދީއެއް އޮންނަ ޤައުމެއްގައި މިއީ ފާހަގަކޮށްލެވޭ ޢަދަދެކެވެ.
ނަމަވެސް ރަޖިސްޓްރީގެ ޢަދަދާއި ޙަޤީޤީ މީޑިއާ ލޭންޑްސްކޭޕާ ދެމެދު ބޮޑު ފަރަގެއް އެބައޮތެވެ. ރިޕޯޓާޒް ވިތައުޓް ބޯޑާޒް (އާރުއެސްއެފް) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ޤަވައިދުން ހިނގާ ނުވަ ޓީވީ ޗެނަލް، ދެ ރޭޑިއޯ ސްޓޭޝަން، ޕްރިންޓް އެއް ނޫސް، އަދި ގާތްގަނޑަކަށް 100 އެއްހާ އޮންލައިން ނޫސް ހިމެނެއެވެ. ރަޖިސްޓްރީގައި ހިމެނޭ ގިނަ ނޫސްތަކުގެ ވެބްސައިޓްތައް ބެލިޔަސް ގިނަ ނޫސްތައް އެކްޓިވްކޮށް ނޫޅޭ ކަން ފާހަގަވެއެވެ.
ރަޖިސްޓްރީ އިން ފެންނަ ތަފާތުކަމަކީ މީޑިއާގެ ތަފާތު ދާއިރާތަކަށް ޚާއްޞަ ނޫސްތައް އޮތުމެވެ. ޤައުމީ ނޫސްތައް ކަމަށްވާ މިހާރު، ސަން، ދައުރު، އަދަދު، ވޮއިސް ފަދަ ބޮޑެތި ނޫސްތަކުގެ އިތުރުން، ވިޔަފާރި ނޫސް، ޓެކް ނިއުސް، ބޯޅަ.އެމްވީ ފަދަ ނީޝް ދާއިރާތަކަށް ޚާއްޞަ ނޫސްތައް ހިމެނެއެވެ. ހަމައެހެންމެ ކުޅުދުއްފުށި އޮންލައިން، ހުވަދޫ މީޑިއާ، ފުވައްމުލައް ޓައިމްސް ފަދަ ރަށު/އަތޮޅު ފެންވަރުގެ ނޫސްތައް ވެސް ރަޖިސްޓްރީ ކޮށްފައި ހުރި ކަން ފާހަގަވެއެވެ.
ދިވެހި މީޑިއާ ކުރިއަށް ދިއުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދެމެހެއްޓެނެވިކަމެވެ. ކުޑަ އާބާދީއެއް އޮތް ބާޒާރެއްގައި ގިނަ ނޫސްތަކެއް ހިންގުމަށް ބޭނުންވާ އާމްދަނީ ހޯދުމަކީ ބޮޑު ގޮންޖެހުމެކެވެ. ނޫސްވެރިކަމުގެ ދުވަހުގެ ޚިޠާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވިދާޅުވީ ރާއްޖޭގެ އާބާދީ ކުޑަކަމުން ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ގިނަ ގޮންޖެހުންތައް ހުރި ކަމަށެވެ.
އޮންލައިން ނޫހެއް ހިންގާ ފަރާތަކުން ބުނީ އެ ނޫހަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ސްޕޮންސަރ ލިބެމުންދާ ކަމަށާއި، އިތުރު ހަތް ކުންފުންޏެއްގެ ސްޕޮންސަރ ވެސް ލިބެމުންދާ ކަމަށެވެ. އަދި ނިމިދިޔަ އަހަރުގެ މީޑިއާ ފަންޑް ވެސް ލިބުނު ކަމަށާއި، ނަތީޖާއެއްގެ ގޮތުން އަމިއްލަ ޖީބުން ޚަރަދު ކުރަން ނުޖެހޭ ކަމަށް ބުންޏެވެ. ނަމަވެސް ރާއްޖޭގެ ގިނަ މީޑިއާތަކަށް އާމްދަނީ ހޯދޭ ހަމައެކަނި މަގަކީ ސްޕޮންސަރެވެ. ގާތްގަނޑަކަށް ހަތް ވަރަކަށް ދާއިމީ މުވައްޒަފުންނާ އެކު ހިންގާ ނޫހެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެޑްވަޓޯރިއަލް، ޕޭ-ޕަރ-އާޓިކަލް، އަދި ސަބްސްކްރިޕްޝަން ފަދަ އެކި ރެވެނިއު މޮޑެލްތައް އެކްސްޕްލޯ ކުރުމަކީ ދާއިރާ ކުރިއެރުވުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ފަރާތުން ފާހަގަކުރިއެވެ.
އާރުއެސްއެފް ގެ 2026 ވަނަ އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސް ގައި ރާއްޖޭގެ އިޤުތިޞާދީ އިންޑިކޭޓާ 157 ވަނައިގައި އޮތީ 30.15 ސްކޯއެއްގައެވެ. މީ ހުރިހާ އިންޑިކޭޓާތަކުގެ ތެރެއިން އެންމެ ދަށް ސްކޯއެވެ. ދެފުށް ފެންނަ އުސޫލެއް ނެތި އިޝްތިހާރު ބެހުމާއި ސިޔާސީ ނުފޫޒުން އިޝްތިހާރު ދީ ހިފެހެއްޓުމަކީ ގިނަ ނޫސްތަކަށް ދިމާވާ މައްސަލައެއް ކަމަށް އާރުއެސްއެފް އިން ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން ވަނީ ދިވެހި މީޑިއާއަށް ބޮޑެތި ވައުދުތަކެއް ވެފައެވެ. ރައީސް ވިދާޅުވީ މީޑިއާ ވިލެޖެއް ތަރައްޤީ ކޮށް ދާދި އަވަހަށް ހުޅުވޭނެ ކަމަށާއި، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން މީޑިއާތަކަށް ދޭން ނިންމާފައިވާ ކަމަށެވެ. ނިމިދިޔަ އަހަރު ދީފައިވެސް ވެއެވެ. މީޑިއާތަކުގެ މާލީ މިނިވަންކަމާއި ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް މި ފިޔަވަޅުތައް މުހިންމެވެ.
2025 ވަނަ އަހަރު ފާސްކުރި މީޑިއާ ގެ ޤާނޫނާ އެކު އާ މީޑިއާ ކޮމިޝަނެއް ވެސް އެކުލަވާލެވިފައިވީ ނަމަވެސް، އެ ކޮމިޝަނުގެ ޢަމަލީ އަސަރު ދާއިރާ އަށް އަދި މާ ބޮޑަށް ފެންނަން ފަށާފައެއް ނުވެއެވެ.
ދިވެހި ނޫސްވެރިކަމުގެ މުސްތަޤުބަލް ބިނާވެފައި ވަނީ މާލީ ދެމެހެއްޓެނެވިކަމާއި، ޤާނޫނީ ރައްކާތެރިކަމާއި، ޓެކްނޮލޮޖީގެ ފުރުޞަތުތައް ބޭނުންހިފުމުގެ މައްޗަށެވެ. 270 އަށް ވުރެ ގިނަ ނޫސް ރަޖިސްޓްރީގައި އޮތެއް ކަމަކު، ދެމެހެއްޓެނިވި ގޮތެއްގައި ނޫސްވެރިކަން ހިންގެވޭ މާހައުލެއް ބިނާކުރުމަކީ ނޫސްވެރިކަމުގެ މި ދުވަހު ވިސްނައިލަން ޖެހޭ ކަމެކެވެ.