ޙައްޖު ސީޒަނަށް ކެއުމާއި ބޭހުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި
މި އަހަރުގެ ޙައްޖު ސީޒަނުގައި ޙައްޖުވެރީންނަށް ރައްކާތެރި ކާނާ އާއި ބޭހާއި މެޑިކަލް ޑިވައިސް ފޯރުކޮށްދިނުމުގެ ފުރިހަމަ ޕްލޭން ސައުދީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެސްއެފްޑީއޭ) އިން ފައިނަލް ކޮށްފިއެވެ.
އެސްއެފްޑީއޭ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި ތައްޔާރީތައް ވެފައިވަނީ ޙައްޖުވެރީންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އިސްކަންދެއްވުމަށް ސައުދީ ޢަރަބިއާގެ ލީޑާޝިޕުން ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތަށް ކަމަށެވެ. ސަޕްލައި ޗެއިން ބެލެހެއްޓުން ވަރުގަދަ ކުރުމާއި ފީލްޑް ޓީމުތައް ތައްޔާރީ ހާލަތަށް ގެނައުމާއި އިންސްޕެކްޝަން ޒިޔާރަތްތައް އިތުރުކުރުމާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނޭ ކަމަށް ބުންޏެވެ.
އެސްއެފްޑީއޭ އިން ބުނީ ފުރިހަމަ ޓެކްނިކަލް ޓީމެއް 24 ގަޑިއިރު މަސައްކަތްކުރާނެ ކަމަށެވެ. ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓާއި މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްޞަ އިންސްޕެކްޝަން ޕޮއިންޓްތައް ގާއިމުކޮށް، ޙައްޖު މިޝަންތަކުގެ ވައިގެ މަގުން ގެންނަ މުދާ ވެސް ކޮންޓްރޯލް ކުރާނެ ކަމަށެވެ. އެއްގަމާއި ކަނޑާއި ވައިގެ ހުރިހާ އެންޓްރީ ޕޮއިންޓަކުން ބެލެހެއްޓުން ކުރިއަށް ގެންދާނެއެވެ.
ފާއިތުވި މަސްތަކުގެ ތެރޭގައި ކާބޯތަކެތީގެ ފެކްޓަރީތަކާއި ބޭސް ފެކްޓަރީތަކާއި ގުދަންތަކާއި މެޑިކަލް ޑިވައިސް ފެސިލިޓީތައް ހިމެނޭ ގޮތުން 1,400 އަށް ވުރެ ގިނަ ތަން އެސްއެފްޑީއޭ އިން ވަނީ އިންސްޕެކްޓް ކޮށްފައެވެ. އަދި މައްކާ އާއި މަދީނާގެ މުނިސިޕަލިޓީތަކާއި ޓޫރިޒަމް ވުޒާރާ އާއި ޕަބްލިކް ހެލްތު އޮތޯރިޓީ އާ ގުޅިގެން ފެކްޓަރީ މަސައްކަތްތެރީންނާއި ކެއުން ތައްޔާރުކުރާ ފަރާތްތަކާއި ސަރުކާރު އިންސްޕެކްޓަރުންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ވޯކްޝޮޕްތައް ވެސް ވަނީ ބާއްވައިފައެވެ.