މެއި މަހު ސައުދީގައި ހޫނުމިން މައްޗަށް ދާނެ - ޙައްޖު ސީޒަނާ ދިމާކޮށް ސަމާލުވާން އެދިއްޖެ
ސައުދީ ޢަރަބިއާގެ ހުރިހާ ސަރަހައްދަކަށް އެޕްރީލް މަހު މެދުމިނާއި ބޯ ވިއްސާރައެއް ކޮށްފައިވާ އިރު، ބަހާރު މޫސުމުގެ ފަހު މަސް ކަމަށްވާ މެއި މަހު ހޫނުމިން ފާހަގަކޮށްލެވޭ ވަރަށް މައްޗަށް ދާނެ ކަމަށް ސައުދީގެ ޤައުމީ މީޓިއޮރޮލޮޖީ ސެންޓަރު (އެންސީއެމް) އިން ލަފާކޮށްފިއެވެ.
އެންސީއެމްގެ ތަރުޖަމާނު ޙުސައިން އަލް-ޤަޙްޠާނީ ބުނީ އެޕްރީލް މަހު ސައުދީ ޢަރަބިއާ އިން ތަޖުރިބާ ކުރީ ޚާއްޞަ ޖައްވީ ހާލަތެއް ކަމަށެވެ. ގިނަ ސަރަހައްދުތަކަށް ތަފާތު މިންވަރަށް ވާރޭ ވެހުނީ ބަހާރު މޫސުމުގެ މޫސުމީ ބަދަލުތަކާ ގުޅިގެން ކަމަށާއި އެ ވިއްސާރައިގެ ސަބަބުން ފެން ރިޒާވް އިތުރުވެ ފެހިކަން ރަނގަޅުވުމަށް އެހީތެރިވެފައިވާ ކަމަށެވެ.
ނަމަވެސް މެއި މަހާ އެކު ގިނަ ސަރަހައްދުތަކުގައި ހޫނުމިން ނިސްބަތުން މައްޗަށް ގޮސް ހޫނު މޫސުމަށް ތައްޔާރުވާ މަރުހަލާ ފެށޭނެ ކަމަށް އެންސީއެމް އިން ލަފާކުރެއެވެ. ދެކުނާއި ހުޅަނގު ފަރުބަދަ ސަރަހައްދުތަކުގައި ގުގުރާ ވިލާ އުފެދުމުގެ ފުރުޞަތު ވެސް އެބަ އޮތް ކަމަށް ބުންޏެވެ. ޤަޙްޠާނީ ވަނީ މޫސުމީ ރިޕޯޓްތައް ގަވާއިދުން ބެލުމަށާއި ކަމާ ބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށް ގޮވާލައިފައެވެ.
މެއި މަހުގެ ފަހުކޮޅު ޙައްޖު ފެށޭ އިރު، މައްކާ ސަރަހައްދުގައި ހޫނުމިން 40 ޑިގްރީ ސެލްސިއަސް އިން މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. 2024 ވަނަ އަހަރުގެ ޙައްޖު ތެރޭގައި ގަދަ ހޫނުގެ ސަބަބުން 1,300 އަށް ވުރެ ގިނަ ޙައްޖުވެރީން މަރުވެފައިވާތީ، ހޫނުން ރައްކާތެރިވުމަކީ މި އަހަރުގެ ޙައްޖު ސީޒަނުގައި ޚާއްޞަ ސަމާލުކަމެއް ދެވޭ ކަމެކެވެ.