ޙައްޖު 1447: މަންމައާ އެކު ޙައްޖަށް - ބާލީގެ 17 އަހަރުގެ ޒުވާނާގެ ޖަޒުބާތީ ދަތުރު
އިންޑޮނީޝިއާގެ ބާލީން މި އަހަރު ޙައްޖަށް ފުރާ އެންމެ ޒުވާން ޙައްޖުވެރީންގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ދާނީ އާދިއްތިޔާ ސަޕޫތުރާގެ ވާހަކައަކީ ޖަޒުބާތީ ވާހަކައެކެވެ.
ބަޑުންގް ރީޖެންސީ އަށް ނިސްބަތްވާ ދާނީ ޙައްޖަށް ރަޖިސްޓްރީ ވީ އުމުރުން 12 އަހަރުގައި، ބައްޕައަށް ދެވެން ނެތުމުން ބައްޕަގެ ބަދަލުގައެވެ. ނަމަވެސް އެ ދުވަހު ވީ ކީއްކަމެއް ދާނީ އަކަށް ނޭނގެއެވެ. "މަންމަ ގެންދިޔައީ އޮފީހަކަށް. ފޮޓޯ ނެގީ. ހުރިހާ ލިޔެކިޔުމެއް ހެދީ. ކުޑަކުއްޖެއް ވީމާ ވާ ނުވާ ނޭނގެ. ފަހުން އެނގުނީމާ ހައިރާންވި" ކަމަށް ދާނީ ބުންޏެވެ.
ފަސް އަހަރު ފަހުން ބާލީގެ ދީނީ ކަންތައްތަކާ ބެހޭ ވުޒާރާ އިން އެންގީ ދާނީ އާއި މަންމަގެ ނަން ބާލީގެ 698 ޙައްޖު ކޯޓާގައި ހިމެނިފައިވާ ކަމަށެވެ. ޢުމްރާ ވެސް ކޮށްފައި ނެތް ދާނީ ސީދާ ޙައްޖުގެ ބޮޑު ދަތުރަށް ނުކުންނަން ޖެހުމުން ކަންބޮޑުވެއެވެ. "ޢުމްރާ ވެއްޖެއްޔާ ދެ ހަފުތާ. ޙައްޖު ވެއްޖެއްޔާ 40 ދުވަސް. ހަށިގަނޑަށް ކެތްވާނެތޯ، މޫސުން ކިހިނެއްވާނެތޯ، ނޭނގެ" ކަމަށް ބުންޏެވެ.
ނަމަވެސް ކެއުމާއި ކަސްރަތާ އެކު މަސްތަކެއް ކުރީން ތައްޔާރުވާން ފެށި ކަމަށް ދާނީ ބުންޏެވެ. ޙައްޖުގެ ވާހަކަ ދައްކަމުން ދާނީގެ ލޮލުން ކަރުނަ ފައިބައިގެން ދިޔައެވެ. "މަންމައަށް ޓަކައި. ދެ މީހުން އެކީ އަޅުކަން ކުރާނީ. ދުޅަހެޔޮކޮށް ތިބޭނީ. މަންމައަށް ދިގު ޢުމުރެއް ދެއްވާށި. ހުރިހާ ކަމެއް މަންމައަށް" ކަމަށް ބުންޏެވެ.
ދާނީ އޭނާގެ މަންމައާއެކު -
ކިޔެވުމަށް ބުރުލެއް ނާރާނެ ކަމަށް ދާނީ ބުންޏެވެ. އޭނާ ކިޔަވަނީ އެސްއެމްއޭ މުޙައްމަދިއްޔާ 1 ޑެންޕަސާގައެވެ. މަންމައަކީ އެ ސްކޫލުގެ ޓީޗަރެކެވެ. އެހެންކަމުން ހުއްދައިގެ ކަންކަން ފަސޭހައިން ހަމަޖެހުނީއެވެ. ސްކޫލުގެ ރައްޓެހީންނާއި ބެލެނިވެރީން ވެސް ދާނީ އަށް ވަރަށް ހިތްވަރުދޭ ކަމަށް ބުންޏެވެ.
ބާލީ ޕްރޮވިންޝަލް ސަރުކާރާއި ޙައްޖާއި ޢުމްރާ ވުޒާރާ އިން ވަނީ ހޮނިހިރު ދުވަހު ބާލީގެ ޙައްޖުވެރީން ރަސްމީކޮށް ފުރުވާލައިފައެވެ.