ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި
މާލެ ސަރަހައްދުގައި ހިނގާފައިވާ ވައްކަމާއި ފޭރުމުގެ އެކި ހާދިސާތަކުގައި ގެއްލުނު މުދަލާއި ފައިސާގެ ތެރެއިން ޖުމްލަ 619,048 ރުފިޔާގެ ތަކެތި އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި ތަކެތި ހޯދާފައިވަނީ އޭޕްރީލް މަހުގެ 15 އިން ފެށިގެން 21 ވަނަ ދުވަހާ ހަމައަށް ހިންގި އޮޕަރޭޝަންތަކުގައެވެ.
މި މުއްދަތުގައި މާލޭގެ އެކި އަވަށްތަކުން ޖުމްލަ 335,338 ރުފިޔާގެ ތަކެތި ހޯދާފައިވެއެވެ. މީގެ ތެރޭގައި ގަލޮޅު ޕޮލިސް ސްޓޭޝަނުން ހޯދި 173,800 ރުފިޔާ އާއި، ހެންވޭރު ޕޮލިސް ސްޓޭޝަނުން ހޯދި 95,894 ރުފިޔާގެ އިތުރުން މާފަންނު ޕޮލިސް ސްޓޭޝަނުން ހޯދި 65,644 ރުފިޔާގެ ފައިސާއާއި މުދާ ހިމެނެއެވެ.
ހުޅުމާލެއިން ވެސް ގިނަ އަދަދެއްގެ ތަކެތި ވަނީ ހޯދާފައެވެ. އެގޮތުން ހުޅުމާލޭގެ ދެ ފިޔަވަހިން ޖުމްލަ 283,710 ރުފިޔާގެ މުދަލާއި ފައިސާ ހޯދާފައިވާއިރު، ފުރަތަމަ ފިޔަވަހިން 181,910 ރުފިޔާ އަދި ދެވަނަ ފިޔަވަހިން 101,800 ރުފިޔާ ވަނީ ހޯދާފައެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި މި ހޯދި ތަކެއްޗަކީ އެކި ހާދިސާތަކުގައި އާންމުންގެ އަތުން ފޭރިގެންފައިވާ ނުވަތަ ވަގަށް ނަގާފައިވާ ތަކެއްޗެވެ. އަދި މިފަދަ ޖަރީމާތަކުގައި ގެއްލޭ މުދާ އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމަށް ފުލުހުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.