Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެމީހުން ހައްޔަރުކޮށްފި

26 Apr 2026 | 14:58
އެ ދެމީހުން /ފޮޓޯ: ފުލުހުން

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި، ބަނގުރަލުގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 47 އަހަރުގެ އެމްޑީ ހާރުން މިއާ އާއި، ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ހުސްމާން ރަސިކް އަރްސިލް އަލީމެވެ. މި ދެ މީހުންވެސް ހައްޔަރުކޮށްފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.

Advertisement

އެމްޑީ ހާރުން މިއާ ހައްޔަރުކުރީ ހުއްދަނޫން ގޮތުގައި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ. ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި، އޭނާއާ ގުޅުންހުރި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ލީޓަރުގެ 4 ފުޅިއާއި، 500 އެމްއެލްގެ 126 ފުޅީގެ އިތުރުން 14 ހަން ފެނިފައިވެއެވެ. މި މައްސަލައިގެ ތަހުގީގަށްފަހު، އޭނާ ރާއްޖެއިން ފޮނުވާލުމަށްޓަކައި މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހުސްމާން ރަސިކް އަރްސިލް އަލީމް ހައްޔަރުކުރީ އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލައެއްގައެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަސްޓަމްސްއިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Advertisement

ކޮމެންޓް