ޗައިނާގެ އެހީގައި މާލޭގައި 500 ފްލެޓް އަޅަނީ
މާލެ ސިޓީގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ބިނާކުރުމަށްޓަކައި ޗައިނާ ސަރުކާރާއެކު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ބެއިޖިންގގައި ދާދިފަހުން ބޭއްވި "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް" ގެ ތެރެއިން ކުރެވުނު މަޝްވަރާތަކަށްފަހު އެކުލަވައިލެވުނު އެއްބަސްވުމެކެވެ.
މި މަހުގެ 21 އިން 22 އަށް ޗައިނާގެ ވެރިރަށުގައި ކުރިއަށްދިޔަ މި ކޮންފަރެންސްގެ ހަވާސާގައި، މާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫޢާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ. މި ބައްދަލުވުންތަކުގައި ނިންމުނު ކަންތައްތައް ހިމެނޭ "މިނިޓްސް އޮފް ދަ މީޓިންގ" ގައި މިހާރު ވަނީ ދެ ފަރާތުން ސޮއިކޮށްފައެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢަށް ބޭނުންވާ ފައިސާ ޗައިނާއިން ހަމަޖައްސައިދެނީ އެއްވެސް އިންޓްރެސްޓެއް ނެތް ހިލޭ އެހީގެ ގޮތުގައެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޠޮއާމް މުޙައްމަދެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ލިޔު ޖުންފެންގއެވެ.
މީގެ އިތުރުން، ޗައިނާގެ އެހީގައި ރާއްޖޭގައި ހިންގާ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ވަކި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ކަމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. މި ބައްދަލުވުމުގައި، ކުރިއަށްދާ މަޝްރޫޢުތައް ހުއްޓުމެއްނެތި ބާރުމިނުގައި ކުރިއަށް ގެންދިއުމަށް ދެ ޤައުމުންވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަނީ އާކޮށްފައެވެ.