ކަސްޓަމަރަށް ނޭނގި ފޯނުބިލަށް ޗާޖުކުރާ ބައިނަލްއަޤުވާމީ ސްކޭމް ނެޓްވޯކެއް ދިވެހިންނަށް އަމާޒުކޮށްފައި - "ދުވަސް"ގެ ތަޙުޤީޤު
އެޗްޑީސީގެ ގެދޮރުވެރިޔާ ސްކީމް އަލުން ހުޅުވައިލީ ކަމަށް ބުނެ ވައިބާ ގްރޫޕްތަކުގައި ދައުރުކުރި ލިންކަކީ، ހަތަރު ފަށަލައިގެ ބައިނަލްއަޤުވާމީ ފްރޯޑް އޮޕަރޭޝަނެއްކަން "ދުވަސް" ނޫހުގެ ތަޙުޤީޤަކުން ހާމަވެއްޖެއެވެ. މި ސްކޭމުގެ އެންމެ ނުރައްކާތެރި ބަޔަކީ، ޝިކާރައަކަށް ވާ މީހުންނަށް ނޭނގި އެ މީހުންގެ ފޯނު ބިލަށް ބައިނަލްއަޤުވާމީ ޕްރީމިއަމް އެސްއެމްއެސް ޗާޖުކުރެވޭ ބައެވެ.
އެ ލިންކަށް ފިތައިލީމާ ފުރަތަމަ ފެންނަނީ އެޗްޑީސީގެ ލޮގިން ޕޭޖާ ދާދި އެއްގޮތް ފޭކް ޕޭޖެކެވެ. އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހީމާ، އެ މަޢުލޫމާތު ވަގުތުން ސްކޭމަރުންގެ ސާވަރަކަށް ފޮނުވެއެވެ. މި ފޭކް ޕޭޖް ހިންގީ އިންޑިއާގެ ޖެވެލަރީ ކުންފުންޏެއްގެ ވެބްސައިޓް ހެކްކޮށް، އެ ސައިޓުގެ ތެރެއަށް ފިޝިންގ ކިޓެއް ވައްދައިގެންނެވެ. ޕާސްވޯޑް ވަގަށް ނެގުމަށް ފަހު، ޝިކާރައަކަށް ވާ މީހާގެ ފޯނުގެ ތަފްސީލީ މަޢުލޫމާތު ނެގެއެވެ. ދެން އެ މީހާ ފޮނުވައިލެވެނީ އެފިލިއޭޓް ނެޓްވޯކެއްގެ ތެރެއިންނެވެ. ސްކޭމަރުންގެ ދަލުގައި ޖެހޭ ކޮންމެ މީހެއް ފޮނުވައިލެވޭ ވަރަކަށް ސްކޭމަރަށް ކޮމިޝަން ލިބެއެވެ.
އެންމެ ފަހު ފަށަލައިގައި — އަދި އެންމެ ނުރައްކާ ބައިގައި — ޝިކާރައަކަށް ވާ މީހާ އަށް ދައްކައިލަނީ ރޮބޮޓެއް ނޫންކަން ސާބިތުކޮށްދޭ ފޭކް ކެޕްޗާ އެކެވެ. ކެޕްޗާގެ ކޮންމެ ސްޓެޕެއް ފުރިހަމަ ކުރާ އިރު ފޯނުގެ އެސްއެމްއެސް އެޕް ހުޅުވި، ބައިނަލްއަޤުވާމީ ޕްރީމިއަމް ނަންބަރުތަކަށް ފޮނުވާ މެސެޖެއް ތައްޔާރުވެފައި އޮވެއެވެ. "ސެންޑް" ފިތައިލީމާ ޕްރީމިއަމް ރޭޓުގައި ޗާޖުވެ، ސްކޭމަރުންނަށް ފައިސާ ލިބެއެވެ. ހަތަރު މެސެޖަށް ފަހު ޕޭޖް ރީލޯޑްވެ، އިތުރު މެސެޖު ފޮނުވަން އެދެއެވެ. ބެކް ބަޓަން ފިތައިލިޔަސް ޕޭޖުން ނުނިކުމެވެއެވެ. ސަލާމަތް ވެވެނީ ބްރައުޒާ އެއްކޮށް ބަންދުކޮށްގެންނެވެ.
"ދުވަސް"ގެ ތަޙުޤީޤުން ހާމަވީ، މި ސްކޭމުގައި ބޭނުންކުރާ 18 ޕްރީމިއަމް ނަންބަރުގެ ތެރެއިން 10 ނަންބަރު ނިސްބަތްވަނީ ޖާޒީ އަށް ކަމާއި ހަތް ނަންބަރު ގާންޒީ އަށް، އަދި އެއް ނަންބަރު ސަމޯއާ އަށް ކަމެވެ. ޖާޒީ އާއި ގާންޒީ ނަންބަރުތައް ފެށެނީ ޔޫކޭ ކޯޑް +44 އިން ކަމަށް ވާތީ، އާދައިގެ ޔޫކޭ ނަންބަރެއް ކަމަށް ހީވެއެވެ. ނަމަވެސް އެ ނަންބަރުތަކަށް ފޮނުވާ ކޮންމެ އެސްއެމްއެސް އަކީ ބައިނަލްއަޤުވާމީ ޕްރީމިއަމް ރޭޓުގައި ޗާޖުވާ މެސެޖެކެވެ. ޗާޖުތައް ފޯނު ބިލުގައި ފެންނާނީ ހަފުތާތަކެއް ފަހުން ކަމަށް ވާތީ، ޝިކާރައަކަށް ވީ މީހާ އަށް އެ ޗާޖާ ލިންކާ ގުޅުވައިލެވޭ ގޮތެއް ނުވެއެވެ.
ސްކޭމުގެ ޓެކްނިކަލް ވިއުގަ ފެތުރިފައިވަނީ އިންޑިއާ، އިނގިރޭސިވިލާތް، ޖާޒީ، ގާންޒީ، ސެމޯއާ، ސްޕެއިން، އައިސްލެންޑް، އަދި ޔޫރަޕުގެ އެފިލިއޭޓް ނެޓްވޯކެއްގެ ތެރޭގައެވެ. އެމެރިކާގެ ސައިބާ ސެކިއުރިޓީ ކުންފުނި އިންފޮބްލޮކްސް އިން އިއްޔެ ނެރުނު ތްރެޓް އިންޓެލިޖެންސް ރިޕޯޓެއްގައި، ހަމަ މި ވިއުގައިގެ ތަފްސީލް ހާމަކޮށް، 2020 ވަނަ އަހަރުން ފެށިގެން ހަ އަހަރު ވަންދެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ސްކޭމް ހިންގަމުންދާކަން ކަށަވަރުކޮށްދިނެވެ.
އެޗްޑީސީގެ ރަސްމީ މުޢާމަލާތެއް ވައިބާ މެދުވެރިކޮށް ނުކުރާނެ ކަމާއި، ލޮގިން ކުރާ ލިންކެއް ވެސް ނުފޮނުވާނެކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ. ވައިބާ ޓޫ-ސްޓެޕް ވެރިފިކޭޝަން އޮން ކުރުމާއި، ފޯނު ބިލުގައި +447700، +447781 ނުވަތަ +685 އިން ފެށޭ ނަންބަރުތަކަށް ޗާޖު ވެފައި ހުރިތޯ ބެލުމަށް "ދުވަސް" އިން އިލްތިމާސް ކުރެއެވެ. ސްކޭމެއް ފާހަގަވެއްޖެ ނަމަ ޕޮލިސް އެންޓި-ސްކޭމް ސެންޓަރުގެ ނަންބަރު 125 (އެކްސްޓެންޝަން 2020) އަށް ނުވަތަ [email protected] އަށް ރިޕޯޓުކުރެވޭނެއެވެ.
"ދުވަސް"ގެ ތަޙުޤީޤުގެ ފުރިހަމަ ހެކި ރިޕޯޓް ވަނީ ފުލުހުންނާއި، ކޮމިއުނިކޭޝަން އޮތޯރިޓީ އާއި، ހޯމް މިނިސްޓަރާއި، ރައީސް އޮފީހާ ހިއްސާކޮށްފައެވެ.