Advertisement

ރާއްޖޭގެ މަސްތުވާތަކެތީގެ ހަރުކަށި ޤާނޫނާ ގުޅިގެން އިންޑިއާ ރައްޔިތުންނަށް އިންޒާރު ދީފި

23 Apr 2026 | 16:43
-

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން، ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނެސްފައިވާ ހަރުކަށި ބަދަލުތަކާ ގުޅިގެން، އިންޑިއާ ރައްޔިތުން ރާއްޖެއަށް ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ހޫނު މޫސުމުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ނެރުނު މި އެޑްވައިޒަރީގައި އެންސީބީން ބުނީ، އެހެން މީހެއްގެ ފަރާތުން އެއްވެސް ޕެކޭޖެއް، ފޮށިގަނޑެއް ނުވަތަ އެއްޗެއް ރާއްޖެއަށް ނުގެންދިއުމަށް އިންޑިއާ ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށެވެ. އެ ބިއުރޯއިން ފާހަގަކުރި ގޮތުގައި، މި އެޑްވައިޒަރީ ނެރުނީ ނޭނގި މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުގެ ކޫރިއަރުންނަށް ވެގެން ދިޔުމުން ރައްކާތެރިވުމަށެވެ.

Advertisement

ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް މާރިޗު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި އިސްލާޙުތަކުގެ ދަށުން، މަސްތުވާތަކެތީގެ ކުށްތަކަށް ދެވޭ އަދަބު ވަރަށް ބޮޑަށް ހަރުކަށިކޮށްފައިވާ ކަމަށް އެންސީބީން ބުންޏެވެ. އޭގެ ތެރޭގައި ޢުމުރު ދުވަހުގެ ޖަލު ހުކުމާއި، ބޮޑެތި ޢަދަދުތަކުން ޓްރެފިކް ކުރާ މައްސަލަތަކުގައި ރާއްޖޭގެ ކޯޓުގެ ތަޞްދީޤާ އެކު މަރުގެ އަދަބުވެސް ހިމެނެއެވެ. މީގެ އިތުރުން ކުޑަ ޢަދަދެއްގެ މަސްތުވާތަކެތި ގެންގުޅުމަށް ވެސް ކުރިއަށްވުރެ ހަރުކަށި އަދަބު ކަނޑައެޅިފައިވާ ކަމަށް އެ ބިއުރޯއިން ފާހަގަކުރިއެވެ.

"އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް ބޮޑަށް ނަސޭހަތްތެރިވަނީ، އެއްވެސް ޙާލެއްގައި، އޭގައި ހުރީ ކޯއްޗެއްކަން ފުރިހަމައަށް ޔަޤީން ނުވެ، އެހެން މީހެއްގެ ފަރާތުން އެއްވެސް ޕެކޭޖެއް، ފޮށިގަނޑެއް ނުވަތަ އެއްޗެއް ނުގެންދިއުމަށް" ކަމަށް އެންސީބީން ބުންޏެވެ. އެއާއެކު، އެއާޕޯޓްތަކާއި ބަނދަރުތަކުގައި ނުދަންނަ މީހުން މުދާ ގެންގޮސްދޭން އެދޭ ނަމަ ވަރަށް ބޮޑަށް ސަމާލުވުމަށް ވެސް އެ ބިއުރޯއިން ގޮވާލިއެވެ.

ޤާނޫނު ނޭނގުމަކީ ދިފާޢެއް ނޫން ކަމަށާއި، ޤާނޫނާ ޚިލާފުވެއްޖެ ނަމަ ހަރުކަށި އަދަބު ލިބިދާނެ ކަމަށް ވެސް އެންސީބީން ހަނދާންކޮށްދިނެވެ. އިންޑިއާ ރައްޔިތުން ހިމެނޭ ގޮތަށް ބޭރުގެ ރައްޔިތުން ރާއްޖޭގައި މަސްތުވާތަކެތީގެ ކުށްތަކުގައި ހައްޔަރުކޮށްފައިވާ ހާދިސާތައް ފަހަކަށް އައިސް ހިނގާފައިވާ ކަމަށް އެންސީބީން ބުންޏެވެ. މާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ވެސް، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށް އިންޑިއާ ރައްޔިތުންނަށް ގޮވާލައި އެޑްވައިޒަރީ ނެރެފައިވެއެވެ. 

Advertisement

ކޮމެންޓް