ތަރައްޤީގެ މަޝްރޫޢުތައް މެދުކަނޑާނުލައި، ޚަރަދު ކުޑަކޮށް ކުރިއަށްގެންދަނީ: ވަޒީރު
މިހާރު ހިނގަމުންދާ ތަރައްޤީގެ އެއްވެސް މަސައްކަތެއް މެދުކަނޑާނުލައި، ޚަރަދުތައް ކުޑަކުރެވޭނެ ގޮތްތަކަށް ބަލައިގެން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވަނީ ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކުވެސް މަޝްރޫޢުތައް ކުރިއަށްގެންދިއުމުގެ ސިޔާސަތު ހާމަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބިނާކުރުމުގެ ދާއިރާއަށް ބޭނުންވާ ތަކެތި ހޯދުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މީގެ ސަބަބުން މަސައްކަތްތައް ލަސްވުމާއި ތަކެތީގެ އަގު އުފުލުމުގެ މައްސަލަތައް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ މަޝްރޫޢުތައް ހުއްޓާލުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގެ ނެތްކަން ވަޒީރު ކަށަވަރުކޮށްދެއްވިއެވެ.
މިފަދަ ދަތިތަކާ ގުޅިގެން، މަސައްކަތްތައް ނިންމަން ކަނޑައަޅާފައިވާ ތާރީޚުތަކަށް ބަދަލު ގެނެސްގެން ނަމަވެސް، މެދުނުކެނޑި މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ބިން ހިއްކުމާއި ފަޅު ފުންކުރުން ފަދަ ގިނަ އަދަދަކަށް ތެޔޮ ބޭނުންވާ މަސައްކަތްތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެހެންކަމުން، މިވަގުތުގެ އަމާޒަކީ ޕްރޮޖެކްޓްތަކުގެ ތާވަލަށް ބަދަލު ގެނެސްގެން ނަމަވެސް، އެންމެ ޚަރަދު ކުޑަވާނެ މަގުތަކުން މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.
ދުނިޔޭގެ މަސްރަޙު މިހާރު އޮތް ގޮތުން، ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި މުދާ ދަތިކަމެއް ނެތި ފޯރުކޮށްދިނުމަށެވެ. ބާޒާރުގައި ތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް، މުދާ ލިބޭނެކަން ޔަޤީންކުރުމަށްފަހު، އުމްރާނީ ތަރައްޤީގެ މަސައްކަތްތައްވެސް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
އިމާރާތްކުރުމުގެ ސިނާޢަތަށް ބޭނުންވާ ސާމާނު މެދުނުކެނޑި ހޯދުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައިވެސް ވަނީ މަޝްވަރާކުރެވިފައެވެ. މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، މުދާ އެތެރެކުރާ ޤައުމުތަކާއި މަގުތައް އިތުރުކުރުމުގެ އިތުރުން، މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ހިލަ ފަދަ ތަކެތި އައު ގޮތްގޮތަށް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.