Advertisement

ޙައްޖު1447: އިންޑިއާއިން ޙައްޖުވެރީންގެ ފުރަތަމަ ގްރޫޕް ފުރައިފި - އޭއައި ޓެކްނޯލޮޖީ ފުޅާ ދާއިރާއެއްގައި ބޭނުންކުރާނެ

22 Apr 2026 | 18:06
އިންޑިއާ ޙައްޖުވެރީންގެ ފުރަތަމަ ގްރޫޕް ފުރުން - ފޮޓޯ: ނިއުސް ޓްރެއިލް އިންޑިއާ

އިންޑިއާގެ ލަކްނޯގެ ހައްޖު ހައުސް އިން މި އަހަރުގެ ޙައްޖު ދަތުރުގެ ފުރަތަމަ ބެޗް މިއަދު ފުރައިފިއެވެ. މި ބެޗުގައި 427 ޙައްޖުވެރިން ހިމެނެއެވެ.

އިންޑިއާގައި ފުރަތަމަ ފަހަރަށް ޙައްޖުގެ ކަންކަމުގައި އޭއައި ޓެކްނޯލޮޖީ ބޭނުންކުރާ ކަމަށް ބުނެފައިވެއެވެ. އެ ޓެކްނޯލޮޖީ މެދުވެރިކޮށް ޙައްޖުވެރީންނަށް ދަތިކަމެއް ދިމާވެއްޖެ ނަމަ ޓްރެކްކޮށް، ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި އަދި ޙައްޖުވެރީންނަށް ވީހާ ވެސް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށް ބުނެފައިވެއެވެ. 

Advertisement

މި އަހަރު ހޫނު ގަދަވާނެ ކަމަށް ބެލެވޭތީ ލަކްނޯ ހައްޖު ހައުސް އިން ފެށިގެން މައްކާ-މަދީނާ އާ ހަމައަށް ފުރިހަމަ ސިއްހީ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ. ޙައްޖުގެ ތައްޔާރީތަކާ ގުޅިގެން އުއްތަރް ޕްރަދޭޝް ހައްޖު ކޮމިޓީގެ ވަފުދެއް ސައުދީ ޢަރަބިއާ އަށް ގޮސް އެ ތަނުގެ ހުރިހާ ފެސިލިޓީއެއް ބަލައި ޗެކްކޮށްފައި ވަނީ އެނބުރި އައިސްފައެވެ.

އިންޑިއާ އަށް މި އަހަރު ޙައްޖު ކޯޓާގެ ގޮތުގައި ލިބިފައިވަނީ 175,025 ޖާގައެވެ. 2025 ވަނަ އަހަރުގެ ނޮވެމްބަރުގައި ސައުދީ ޢަރަބިއާ އާ އެކު ސޮއިކުރި ދެ ފަރާތުގެ ޙައްޖު އެއްބަސްވުމުގެ ދަށުން މި ކޯޓާ ކަށަވަރުވެފައިވެއެވެ. އިންޑިއާގެ ފްލައިޓްތައް މަދީނާ އަށް ދަތުރުކުރާނީ އެޕްރީލް 18 އިން މެއި ހަތަރެއް އާ ހަމައަށެވެ. އަދި ޖިއްދާ އަށް ދަތުރުކުރާނީ މެއި ފަހެއް އިން 19 އާ ހަމައަށެވެ.

އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުން ޙައްޖުގެ ދަތުރުތައް ފެށިގެން ކުރިއަށްދާއިރު، ދުނިޔޭގެ އެންމެ ގިނަ މުސްލިމުން ދިރިއުޅޭ އިންޑޮނީޝިއާ އިން ވެސް މިއަދު 221,000 ޙައްޖުވެރީންގެ ތެރެއިން ފުރަތަމަ ގްރޫޕް ފުރާފައިވެއެވެ. ޖަކާތާގެ ސުކާރްނޯ-ހައްޓާ އެއާޕޯޓުން 391 ޙައްޖުވެރީން ގެރޫދާ އިންޑޮނީޝިއާ މެދުވެރިކޮށް މަދީނާ އަށް ދަތުރު ފެށީ ފަތިހު 00:45 ގައެވެ. ސައުދީ ޢަރަބިއާގެ ޤައުމީ އެއާލައިން ސައުދިއާ އިން ވެސް ވަނީ ޙައްޖު 2026 ގެ އޮޕަރޭޝަން ރަސްމީކޮށް ފަށައި، އެއް މިލިއަނަށް ވުރެ ގިނަ ސީޓް ހަމަޖައްސައިފައެވެ. ޙައްޖު ސީޒަންގެ ފުރަތަމަ ފްލައިޓް ބަންގްލަދޭޝް އިން ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އެއާޕޯޓަށް ޖައްސާފައިވެއެވެ.

މި އަހަރުގެ ޙައްޖު ފެށޭނެ ކަމަށް ބެލެވެނީ މެއި 25 ވަނަ ދުވަހު (ޛުލްޙިއްޖާ މަހުގެ 8 ވަނަ ދުވަހު) ކަމަށް ވާއިރު، ޢަރަފާތް ދުވަސް ދިމާވާނީ މެއި 26 އަށެވެ. ބޮޑު ޢީދު ދުވަހަކީ މެއި 27 ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ހަނދު ފެނުމާ ގުޅިގެން މި ތާރީޚުތައް ދުވަހެއްގެ ތަފާތު އައުން އެކަށީގެންވެއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތައް ހިނގަމުން ދިޔަ ނަމަވެސް، ސައުދީ ޢަރަބިއާ އިން ވަނީ ޙައްޖުގެ ތައްޔާރީތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމުގެ ޔަގީންކަން ދީފައެވެ.

Advertisement

ކޮމެންޓް