ބުލީގެ ނިޝާންތައް ދެނެގަންނާނީ ކިހިނެއް؟ - މައިންބަފައިންނާއި ޓީޗަރުންނާއި ރަހުމަތްތެރީންނަށް ގައިޑެއް!
ބުލީ ނުވަތަ ގަނާކުރުމުގެ ޝިކާރައަކަށް ވެފައި ހުންނަ ކުއްޖަކު ގިނަ ފަހަރު އެ ވާހަކަ އެއްވެސް މީހެއް ގާތު ނުދައްކައެވެ. ލަދުން ނުވަތަ ބިރުން، ނޫނީ ބުންޏަސް ޤަބޫލުނުކުރާނެ ކަމަށް ހީވާތީއެވެ. ދިރާސާތަކުން ދައްކާގޮތުން ބުލީގެ ޝިކާރައަކަށްވާ ކުދިން އެ ވާހަކަ އެހެން ފަރާތަަކާ ހިއްސާކުރަނީ ނިސްބަތުން ވަރަށް މަދު ފަހަރެއްގައެވެ. އެހެންކަމުން މައިންބަފައިންނާއި ޓީޗަރުންނާއި ރަހުމަތްތެރިން ސަމާލުވާންވީ ކުއްޖާ ބުނާ ބަހަށް އެކަންޏެއް ނޫނެވެ. ކުއްޖާގެ ފަރާތުން ފެންނަ ބަދަލުތަކަށެވެ.
ދުނިޔޭގެ ފެންވަރުގައި ހެދި މެޓާ-އެނެލިސިސެއްގައި 603،000 އަށްވުރެ ގިނަ ކުދިން ހިމެނޭ 116 ދިރާސާއެއް ބެލުމަށް ފަހު ދައްކާ އެ ދިރާސާތަކުން ދައްކާ ގޮތުން، ކޮންމެ ހަތަރު ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކީ ބުލީގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. ސައިބަރ ބުލީއަށް ބަލައިލާއިރު، އެ ތަޖުރިބާ ކުރި ކުދިންގެ 93 އިންސައްތަ ބުނެފައި ވަނީ ނަފްސާނީ ގޮތުން ނެގެޓިވް އަސަރު ކުރި ކަމަށެވެ. މިއީ ހީކުރާ ވަރަށް ވުރެ ބޮޑު، ސީރިއަސް މައްސަލައެކެވެ.
ބުލީގެ ޝިކާރައަކަށް ވެފައި ހުންނަ ކުއްޖެއްގެ އާންމު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު އައުމަކީ އެންމެ ފުރަތަމަ ފެންނާނެ އެއް ނިޝާނެވެ. ކުރިން ސްކޫލަށް ދާ ހިތުން ދިޔަ ކުއްޖާ ކުއްލިއަކަށް ސްކޫލަށް ދާން ބޭނުންނުވެދާނެއެވެ. ބަނޑުގައި ރިއްސާ ކަމަށް ނުވަތަ ބޮލުގައި ރިއްސާ ކަމަށް ބުނެ ސްކޫލަށް ނުގޮސް ގޭގައި މަޑުކުރަން ބޭނުންވެދާނެއެވެ. ދިރާސާތައް ދައްކާ ގޮތުން ބުލީގެ ޝިކާރައަކަށްވާ ކުދިންގެ 44 އިންސައްތައަށް ނިދުމުގެ މައްސަލަ ދިމާވެއެވެ. ކެއުމާ ދުރުވުމާއި ނިދުމަށް ބަދަލު އައުމަކީ ސީރިއަސްކޮށް ބަލަން ޖެހޭ ނިޝާންތަކެވެ.
ކުރިން އުފާވެރި، ހީވާގި ކުއްޖާ ކުއްލިއަކަށް މާ މަޑުމައިތިރިވެ، އެކަނިވެރިވެ، މީހުންނާ ވާހަކަ ދެއްކުން މަދުވެދާނެއެވެ. ރުޅި ގަދަވެ، ކުދި ކުދި ކަންކަމާ ވެސް ރޮއެ، ނުވަތަ ކުއްލިއަކަށް ރައްޓެހިން މަދުވެ އެކަހެރިވުން ފެށިދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބުލީގެ ޝިކާރައަކަށްވާ ކުދިންގެ 37 އިންސައްތަ ޑިޕްރެޝަންގެ އަލާމާތްތައް ތަޖުރިބާ ކުރެއެވެ. އަމިއްލަ ނަފްސާ މެދު ނެގެޓިވް ވާހަކަ ދައްކާ ނަމަ، "އަހަންނަކީ ބޭކާރު މީހެއް" ނުވަތަ "އެކަކު ވެސް އަހަރެން ދެކެ ލޯތްބެއް ނުވޭ" ފަދަ ޖުމްލަތައް ބޭނުންކުރާ ނަމަ، އެއީ ސީރިއަސްކޮށް ސަމާލުވާން ޖެހޭ ހިސާބެވެ. ސައިބަރ ބުލީގެ ޝިކާރައަކަށްވާ ކުދިން އަމިއްލައަށް ގެއްލުން ދިނުމުގެ ފުރުސަތު ހަތަރު ގުނަ ބޮޑު ކަމަށް ދިރާސާތައް ބުނެއެވެ.
މި ޒަމާނުގައި ބުލީ ހިނގަނީ ހަމައެކަނި ސްކޫލް ގޯތިތެރޭގައެއް ނޫނެވެ. ފޯނު ބޭނުންކުރަމުން ކުއްލިއަކަށް މޫނުގެ ކުލަ ބަދަލުވެ ފޯނު ފޮރުވާ ނަމަ، ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލާ ނަމަ، ނުވަތަ ނޮޓިފިކޭޝަނެއް އައިމާ ބިރުގަންނަ ކަހަލަ ގޮތެއް ފެންނަ ނަމަ، ސައިބަރ ބުލީގެ ޝިކާރައަކަށް ވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ދިރާސާތައް ދައްކާ ގޮތުން ސައިބަރ ބުލީގެ ޝިކާރައަކަށްވާ ކުދިންގެ 90 އިންސައްތަ އެކަން އެއްވެސް މީހެއް ގާތު ނުބުނެ ހަނު ހުރެއެވެ.
ބައެއް ފަހަރު ރަހުމަތްތެރިންނަށް ފެންނާނީ މައިންބަފައިންނަށް ނުފެންނަ ކަންކަމެވެ. ގްރޫޕް ޗެޓުތަކުގައި ވަކި ކުއްޖަކާ ދިމާކުރާ ނަމަ، ކެންޓީނުގައި ނުވަތަ ކްލާހުގައި ވަކި ކުއްޖެއް އެކަހެރިކުރާ ނަމަ، ނުވަތަ ކުއްޖެއްގެ ތަކެއްޗާ ބެހި ހަޑި ނަންނަމުން ގޮވާ ނަމަ، އެއީ ބުލީގެ ޢަމަލުތަކެވެ. އެ ވަގުތު ކުއްޖާ ހީނލިޔަސް، ހިތުގައި ބިރާއި ހިތާމަ ފޮރުވައިގެން ހުރެދާނެއެވެ.
ކުއްޖާގެ ފަރާތުން މި ފަދަ ނިޝާނެއް ފެނިއްޖެ ނަމަ، އެންމެ މުހިންމީ ސީދާ "ބުލީ ކުރަނީތަ؟" އޭ އެހުމެއް ނޫނެވެ. ބޮޑަށް ރަނގަޅީ ލުއި ގޮތަކަށް ވާހަކަ ފެށުމެވެ. "ސްކޫލް ކިހިނެއް؟ ރައްޓެހިންނާ ދޭތެރޭ ކިހިނެއް؟" ފަދަ ސުވާލަކުން ފެށިދާނެއެވެ. ކުއްޖާ ވާހަކަ ދައްކަން ފެށީމާ ޖަޖް ނުކޮށް، ކުށްވެރި ނުކޮށް އަޑުއެހުމެވެ. "ކީއްވެ ކުރިން ނުބުނީ" ފަދަ ޖުމްލަތަކުން ކުއްޖާ އިތުރަށް އެ ވާހަކަ ހުއްޓައިވެސް ލާފާނެއެވެ.
ބުލީގެ ވާހަކަ ދައްކާއިރު ހަމައެކަނި ޝިކާރައަކަށްވާ ކުއްޖާއަށް ފޯކަސް ކުރުމަކީ ފުރިހަމަ ގޮތެއް ނޫނެވެ. ބުލީ ކުރާ ކުއްޖާ ވެސް ގިނަ ފަހަރު އެ ޢަމަލު ހިންގަނީ އެ ކުއްޖާގެ އަމިއްލަ ދިރިއުޅުމުގައި ކޮންމެވެސް ކަމެއް ގޯސްވެގެންނެވެ. ގޭތެރޭގެ މައްސަލަތައް، ބޮޑެތި މީހުންގެ ފަރާތުން ލިބޭ އަނިޔާ، ނުވަތަ އަމިއްލަ ނަފްސާ މެދު އޮންނަ ނެގެޓިވް އިހުސާސްތައް ބައެއް ފަހަރު ބޭރުވަނީ އެހެން ކުދިންނަށް ގަނާ ކުރުމުގެ ސިފައިގައެވެ. ދިރާސާތައް ދައްކާ ގޮތުން ބުލީ ކުރާ ކުދިންގެ ވެސް ނަފްސާނީ ދުޅަހެޔޮކަމަށް އެ ޢަމަލުގެ ނޭދެވޭ އަސަރު ކުރެއެވެ. ޑިޕްރެޝަނާއި ހާސްކަމާއި އަމިއްލައަށް ގެއްލުން ދިނުމުގެ ޚިޔާލުތައް ބުލީ ކުރާ ކުދިންގެ ކިބައިން ވެސް ފެނެއެވެ. ކުއްޖެއްގެ ފަރާތުން ކުއްލިއަކަށް އެހެން ކުދިންނަށް ބާރު ފޯރުވާ، ކޮންޓްރޯލް ކުރާ، ނުވަތަ ޖިސްމާނީ ގޮތުން ބިރު ދައްކާ އުޅުމެއް ފެންނަ ނަމަ، އެ ކުއްޖާ އަދަބު ދީ ބާކީ ކޮށްލުމުގެ ބަދަލުގައި، އެ ކުއްޖާއަށް ވެސް ޕްރޮފެޝަނަލް ސަޕޯޓް ހޯދައިދިނުން މުހިންމެވެ.
ބުލީގެ މައްސަލަ ދެނެގަނެވިއްޖެ ނަމަ ދެން ކުރަންވީ ކަމަކީ ސްކޫލުގެ ކައުންސެލަރަށް ނުވަތަ ޓީޗަރަށް ރަސްމީ ގޮތެއްގައި އެންގުމެވެ. ކުއްޖާގެ ނަފްސާނީ ހާލަތު ގޯސް ނަމަ ޕްރޮފެޝަނަލް އެހީ ހޯދުމަކީ ލަސްނުކޮށް ކުރަން ޖެހޭ ކަމެކެވެ. ކުއްޖާއަށް އިހުސާސް ކޮށްދޭންވީ އެންމެ މުހިންމު ކަމަކީ، "އެއީ ކުއްޖާގެ ކުށް ނޫން" ކަމާއި، އެހީ ހޯދުމަކީ ލަދުވެތި ކަމެއް ނޫން ކަމެވެ.
ކޮންމެ ކުއްޖެއް ވެސް ރައްކާތެރި މާހައުލެއްގައި ކިޔެވުމާއި ދިރިއުޅުމުގެ ޙައްޤު ލިބިގެންވެއެވެ. ބުލީ ހުއްޓުވެން ފެށެނީ ނިޝާންތައް ދެނެގަނެ، ހިމޭންކަން ފޫއަޅުވައިލައި، އެ ކުއްޖާގެ ދިފާޢުގައި ތެދުވާ ހިސާބުންނެވެ.