Advertisement

ފޯކައިދޫގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި

21 Apr 2026 | 15:01
ށ.ފޯކަައިދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުން /ފޮޓޯ: އާރްޑީސީ

ށ. ފޯކައިދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިހާރު ވަނީ ފަށާފައެވެ.

މި މަޝްރޫޢު އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރެވުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ރަސްމީ ބައްދަލުވުމުގައެވެ.

Advertisement

އާރްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މަގުތައް ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، މަސައްކަތް ކުރިއަށް ގެންދާނެ ސައިޓު ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ވެސް ވަނީ އެ ރަށަށް ގެންގޮސްފައެވެ. ދައުލަތުގެ ބަޖެޓުން 80.8 މިލިއަން ރުފިޔާ ހޭދަކޮށްގެން ހިންގާ މި މަޝްރޫޢު ނިންމުމަށް އާރްޑީސީއަށް ދީފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫޢު ނިމުމުން ފޯކައިދޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުންޏުން ބުނެއެވެ. އަދި މަސައްކަތް ކުރިއަށްދާނީ ރަށުގެ ރައްޔިތުންނަށް ވީހާވެސް އުނދަގޫ ނުވާނެ ގޮތަކަށް ބަލައިގެން ކަމަށް ވެސް އާރްޑީސީން ފާހަގަކުރެއެވެ.

މަގު ހެދުމުގެ އިތުރުން ވެސް ސަރުކާރުން ދަނީ ފޯކައިދޫގައި އުމްރާނީ ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އެ ރަށުގައި ބިނާކުރާ އިސްލާމީ މަރުކަޒާއި ކުނި މެނޭޖުކުރާ ސެންޓަރުގެ މަސައްކަތްތައް ހިމެނެއެވެ.

Advertisement

ކޮމެންޓް