ޤައުމުގެ ސަލާމަތް ކަށަވަރުކޮށްދިނުމަށް އޮތް އެންމެ ޤާބިލު ލަޝްކަރަކީ ދިވެހި ސިފައިން: ރައީސް
ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އޮތް އެންމެ ވަރުގަދަ އަދި އެންމެ ޤާބިލު ފައުޖަކީ ދިވެހި ސިފައިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަޔާންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ސިފައިންގެ ޚިދުމަތަށް 134 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި ޚާއްޞަ މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ސިފައިންގެ ދިގު ތާރީޚުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ޤައުމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވި ޝަހީދުންނާއި މުޖާހިދުންގެ ނަންތަކަކީ ސިފައިންގެ ތާރީޚުގައި ފަޚުރުވެރިކަމާއެކު ފާހަގަކުރެވޭ ނަންތަކެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވި އެކި ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމުގައި ސިފައިން ދައްކުވައިދީފައިވާ ސާބިތުކަމާއި ހިތްވަރުގަދަ ޚިދުމަތްތަކަށް އެމަނިކުފާނު ވަނީ ތަޢުރީފު ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ސިފައިން ވަމުންދާ މަތިވެރި ޤުރުބާނީއަށާއި، ރައްޔިތުންގެ އަމާންކަމަށްޓަކައި ކުރަމުންދާ އަގުނުކުރެވޭ ފަދަ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ސިފައިންގެ ދުވަހުގެ ހެޔޮއެދުންތައް ހުރިހާ ސިފައިންނަށާއި އެބޭފުޅުންގެ ޢާއިލާތަކަށް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ރަސްމީކޮށް ސިފައިންގެ ޚިދުމަތް ފެށުނު ތާރީޚީ ދުވަސް ކަމަށްވާތީ، އެ ދުވަސް ފާހަގަކުރަނީ ސިފައިންގެ ދުވަހުގެ ގޮތުގައެވެ.