ޕީސީބީގެ ރިޕޯޓުތައް ނެރުން ލަސްވާތީ އެ އިދާރާ ޒިންމާދާރުކުރުވަން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ޝާއިއުކުރަންޖެހޭ އަހަރީ ރިޕޯޓުތައް ނުނެރޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާތީ، އެ އިދާރާ ޒިންމާދާރު ކުރުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މި ޕެޓިޝަން މަޖިލީހަށް ހުށަހެޅީ މިއަދު ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދުއެވެ.
މި ޕެޓިޝަނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ މައި އިދާރާގެ ހައިސިއްޔަތުން ޕީސީބީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަމުންނެއް ނުދެއެވެ. ވަކިން ހާއްސަކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތިންމަހުން އެއްމަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓުތައް އާންމުކުރުން އިންތިހާއަށް ލަސްވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި އަހަރުގެ ދެވަނަ ކުއާޓާ ހިނގަމުންދާއިރު، އެންމެ ފަހުން ލިބެން ހުރީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުތައް ނެރުމުގައި އެއް އަހަރުގެ މުއްދަތެއް ފާއިތުވެގެންދިއުމަކީ، ކުންފުނިތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައްޔިތުންނަށް ނުލިބި ހިފެހެއްޓޭ ކަމެއް ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ. މީގެ ސަބަބުން ކުންފުނިތައް ޖަވާބުދާރީ ކުރުވުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށާއި، ކުންފުނިތަކުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި އުސޫލުން ބޭރު ކަންކަން ފަޅާއެރުން ލަސްވެ، އެކަންކަމަށް ފުރުސަތު ލިބިގެންދާކަންވެސް ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ޕެޓިޝަން ހުށަހެޅި ފަރާތުން އެދިފައިވަނީ، މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ޕީސީބީގެ ބޭފުޅުން ހާޒިރުކޮށް، ރިޕޯޓުތައް ލަސްވާ ސަބަބު އޮޅުންފިލުވުމަށެވެ. އަދި މިކަމާ ގުޅޭ ރިޕޯޓެއް އެކުލަވާލައި، މިފަދަ މައްސަލަތައް ހައްލުކުރުމަށް މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުމަށްވެސް ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ.