ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި މީހަކު 18 އަހަރަށް ޖަލަށް
ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކާ މެދު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 18 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމް އިއްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރި މި މައްސަލައިގައި ކުށްވެރިވެފައިވަނީ ޏ. ފުވައްމުލަކު، ފުނާޑު، ނަވާ، ޢަބްދުﷲ ވަޙީދު މޫސާ (58އ) އެވެ.
ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އޭނާގެ މައްޗަށް ހުކުމް ކުރިއިރު، ޖުމްލަ 18 އަހަރުގެ ޖަލު ހުކުމުން، އޭނާ ބަންދުގައި ހޭދަކުރި 1 އަހަރާއި 7 މަހާއި 9 ދުވަސް ވަނީ އުނިކޮށްފައެވެ. އެހެންކަމުން، އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 16 އަހަރާއި 4 މަހާއި 21 ދުވަހުގެ ޖަލު އަދަބެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މިއީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައް ބަލައި، ކުށްވެރިންނަށް ހައްގު އަދަބު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކާމިޔާބީއެކެވެ. އަދި މިފަދަ ނާޒުކު ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، އެފަދަ ކުށްތައް ހުއްޓުވުމުގައި ފުލުހުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.