Advertisement

ބީއެމްއެލް އިން އެވެރެޖްކޮށް 35 މިލިއަން ޑޮލަރު ވިއްކާ، އިއްޔެ އެކަނިވެސް 9 ލައްކަ ޑޮލަރު ވިއްކި

20 Apr 2026 | 15:00
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް /ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ޑޮލަރު ދޫކުރުން ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު މައުލޫމާތެއް ކަމަށާއި، އެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ރާއްޖެއަކީ ބޭރުން މުދާ އެތެރެކުރުމަށް ބަރޯސާވާ ގައުމަކަށް ވުމުން، ވިޔަފާރިތަކުން މުދާ ގެނައުމަށް ބޭންކު މެދުވެރިކޮށް ފޮނުވާ ޓީޓީތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.

Advertisement

ބީއެމްއެލް އިން ހާމަކުރި ގޮތުގައި، ކުރިންވެސް އަމަލުކުރަމުން އައި އުސޫލުގެ ދަށުން ކޮންމެ ވިޔަފާރިއަކަށްވެސް ކަނޑައެޅިފައިވާ ވަކި މިންވަރަކަށް ޑޮލަރު ވިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން މި މަހުވެސް ކަސްޓަމަރުންނަށް ދޫކުރެވެން އޮތް އެންމެ މަތީ މިންވަރަށް ޑޮލަރު ފޯރުކޮށްދީފައިވާނެ ކަމުގެ ޔަގީންކަން ބޭންކުން ދެއެވެ. އަދި ޓީޓީ ހެދުމަށް އެހީތެރިކަމަށް އެދުނު އެއްވެސް ވިޔަފާރިއަކަށް ޑޮލަރު ނުލިބި ނެތް ކަމަށްވެސް ބޭންކުން ފާހަގަކުރިއެވެ.

ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް 106.2 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 35.4 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އެވްރެޖް އަދަދު ކަމަށްވާ 14.6 މިލިއަން ޑޮލަރާ އަޅާބަލާއިރު 142 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މީގެއިން އެނގެނީ ވިޔަފާރިތަކަށް ބޭންކުން ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު އިތުރުވެފައިވާ ކަމެވެ.

މިއަހަރުގެ މިހާތަނަށް ޖުމްލަ 38،855 ޓީޓީއަކަށް ބޭރު ފައިސާ ދޫކޮށްފައިވާއިރު، ހިނގަމުންދާ އޭޕްރީލް މަހު އެކަނިވެސް 6،800 އަށްވުރެ ގިނަ ޓީޓީއަށް ވަނީ އެހީތެރިކަން ދީފައެވެ. އަދި އިއްޔެ އެކަނިވެސް 327 ޓީޓީއަކަށް ނުވަ ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާކަން ބޭންކުން ފާހަގަކުރިއެވެ.

ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއަށް ވަންނަ ޑޮލަރަށްވުރެ ބޭރަށް ފޮނުވާ ޑޮލަރުގެ އަދަދު މިދުވަސްވަރު ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. މީގެ ސަބަބުން ބޭރު ފައިސާ ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ބޭންކުން އަންނަނީ ހަރުދަނާ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށާއި އާންމުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

ޚާއްސަކޮށް ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ މުދާ އެތެރެކުރުމަށް ބޭންކުން އިސްކަންދޭކަން ފާހަގަކުރިއެވެ. ނަމަވެސް، ކޮންމެ ވިޔަފާރިއަކަށްވެސް ކަނޑައެޅިފައިވާ ލިމިޓެއް އޮންނާތީ، ބައެއް ހާލަތްތަކުގައި ޓީޓީއަށް ބޭނުންވާ މުޅި އަދަދު އެއްފަހަރާ ނުދެވިދާނެ ކަމަށް ބޭންކުން ބުނެއެވެ. މިއީ ހުރިހާ ކަސްޓަމަރުންނަށްވެސް އިންސާފުވެރިކަމާއެކު ޑޮލަރު ފޯރުކޮށްދިނުމަށް ގެންގުޅޭ އުސޫލެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ހުރިހާ ކަސްޓަމަރުންނަށްވެސް އިންސާފުވެރިކަމާއެކު ބޭރު ފައިސާ ފޯރުކޮށްދިނުމަކީ ބޭންކުން ގެންގުޅޭ މުހިންމު އުސޫލެއްކަން ބީއެމްއެލް އިން ވަނީ ސާފުކޮށްދީފައެވެ.

ބޭންކުގެ ކަސްޓަމަރުންނާއި މާލީ މުއާމަލާތްތަކާ ގުޅޭ ސައްހަ މައުލޫމާތު ދިނުމުގެ ގާބިލުކަން އޮތީ ހަމައެކަނި ބޭންކަށް ކަމަށް ފާހަގަކޮށް، ބައެއް މީޑިއާތަކުން ހަގީގަތާ ޚިލާފު ވާހަކަ ފަތުރާތީ ބޭންކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިފަދަ ނާޒުކު މައުލޫމާތުތައް، ކަސްޓަމަރުންނާއި މުޅި މުޖުތަމައުގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ޒިންމާދާރުކަމެއް ނެތި ފެތުރުމަކީ ބޭންކުން ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް ކަމުގައިވެސް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް