މެރިޓް ބޭސްޑްކޮށް ނޫން ގޮތަކަށް މަޤާމުތަކަށް މީހުން ނެގިގެން ނުވާނެ: ރައީސް
ދައުލަތުގެ އެކި ފަންތީގެ ވަޒީފާތަކަށް މުވައްޒަފުން އިސްކުރާއިރު، އިސްކަންދޭނީ އެމީހެއްގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނުކުރައްވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ހިންގުމުގެ ނިޒާމަށް މިފަދަ ބަދަލުތަކެއް ގެންނަވަނީ ރައްޔިތުންގެ އެދުމާ އެއްގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ. ރައްޔިތުން ބޭނުންވަނީ ކުޑަ ސަރުކާރެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުވައްޒަފުން ނަގާނީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ހަމައެކަނި މެރިޓް އުސޫލުން ކަމަށް ރައީސް ވިދާޅުވިއެވެ. ކެމްޕޭންތަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތުން ވަޒީފާ ދިނުމުގެ ސަގާފަތް ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ސައިޒު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އަންގާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މި ބަދަލު ގެންނާނީ ކުންފުނިތަކުގެ މަސައްކަތްތަކަށް ހުރަސްނޭޅޭނެހެން، މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމަށްފަހު ކަމަށާއި، އިއުލާން ކުރުމަކާ ނުލައި އެއްވެސް ކުންފުންޏަކަށް މީހުން ނުނެގުމަށް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާސީ މަޤާމުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ މަސައްކަތްތައްވެސް ބަލަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރާއިރު ވަކި މިންގަނޑުތަކެއް ގެންގުޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ސްޓޭޓް މިނިސްޓަރުކަމަށް މާސްޓާސް ޑިގްރީއެއް އަދި ޑެޕިއުޓީ މިނިސްޓަރުކަމަށް ފުރަތަމަ ޑިގްރީއެއް އޮތުން ފަދަ ޝަރުތުތަކެއް ކަނޑައެޅުމަށް ވިސްނަވާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، މީގެ ކުރިން 20 ވަޒީރުން ތިއްބެވި ކެބިނެޓް 15 ވަޒީރުންނަށް ކުޑަކުރައްވާފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ސަރުކާރު ހިންގުން ހަރުދަނާ ކުރައްވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށެވެ.