ވޯލްޑް ބޭންކުން ޕާކިސްތާން ސައުތު އޭޝިއާ ގްރޫޕުން ވަކިކޮށް މެދު އިރުމައްޗާ އެއްކޮށްލައިފި
ވޯލްޑް ބޭންކުން ޕާކިސްތާން ސައުތު އޭޝިއާގެ ސަރަހައްދީ ގްރޫޕުން ވަކިކޮށް، މެދު އިރުމައްޗާއި އުތުރު އެފްރިކާ (މީނާ) ކެޓެގަރީއަށް ބަދަލުކޮށްފިއެވެ.
ވޯލްޑް ބޭންކުން 2026 ވަނަ މާލީ އަހަރަށް އެކުލަވައިލި ލިޔެކިޔުންތަކުގައިވާ ގޮތުން، ޕާކިސްތާނާއި އަފްޣާނިސްތާން ހިމެނޭ ގޮތަށް "މީނާއެޕް" ގެ ނަމުގައި އައު ސަރަހައްދީ ގްރޫޕެއް ވަނީ ކަނޑައަޅައިފައެވެ. މި ބަދަލާ އެކު، ޕާކިސްތާން ކުރިން ހިމެނިފައި އޮތް ސައުތު އޭޝިއާ ގްރޫޕުން ވަކިވީއެވެ. އެ ގްރޫޕުގައި އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، ބޫޓާން އަދި ރާއްޖެ ހިމެނެއެވެ.
ވޯލްޑް ބޭންކުން ބުނި ގޮތުގައި މި ގްރޫޕިންގއަކީ ދިރާސީ ބޭނުމަށް އެކަނި ހެދޭ ބެހެއްޓުމެއް ކަމަށާއި، ޤައުމުތައް ގްރޫޕް ކުރަނީ ޖޯގްރަފީގެ ބަދަލުގައި އެއް ކަހަލަ އިޤުތިޞާދީ ގޮންޖެހުންތަކާއި ތަރައްޤީގެ ނަމޫނާތަކުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް މި ބަދަލާ އެކު ތަރައްޤީގެ އިސްކަންދޭ ކަންކަން ކަނޑައެޅުމާއި، ފަންޑް ލިބޭ ގޮތާއި، އިޤުތިޞާދީ ކާމިޔާބީ ވަޒަންކުރާ ގޮތަށް އަސަރު ކުރާނެ ކަމަށް ފާހަގަކުރެވެއެވެ.
މީނާއެޕް ގްރޫޕަށް ޕާކިސްތާން ލެއްވީ، ތެލަށް ބަރޯސާވުމާއި، ހަމަނުޖެހުންތަކާ ކުރިމަތިލުމާއި، ވަޒީފާގެ ބާޒާރުގެ ގޮންޖެހުންތައް ފަދަ މެދު އިރުމަތީގެ އިޤުތިޞާދުތަކާ ޕާކިސްތާނާ ހުރި އެއްގޮތް ކަންކަމާ ގުޅިގެންނެވެ. ވޯލްޑް ބޭންކުގެ އެންމެ ފަހުގެ މީނާއެޕް އިޤުތިޞާދީ ރިޕޯޓުގައި 2025 ގައި ސަރަހައްދީ ކުރިއެރުން 2.8 ޕަސެންޓް އަދި 2026 ގައި 3.3 ޕަސެންޓް ކަމަށް ލަފާކޮށްފައިވާ އިރު، މެދު އިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އައުޓްލުކް ދަށްވެފައިވާ ކަމަށް ބުނެފައިވެއެވެ.
މި ބަދަލާ އެކު، 2026 އިން 2035 އާ ދެމެދު 40 ބިލިއަން ޑޮލަރުގެ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކެއް ޕާކިސްތާނުން ވޯލްޑް ބޭންކާ އެކު ކުރިއަށް ގެންދެއެވެ. އައިއެމްއެފުން 2013 ވަނަ އަހަރުގެ އެޕްރީލް މަހު މިފަދަ ގްރޫޕިންގއެއް ގެންގުޅުނު ނަމަވެސް، ވޯލްޑް ބޭންކުން ރަސްމީކޮށް މި ބަދަލު ގެނައީ 2026 ގެ މާލީ އަހަރަށެވެ.