ޢިރާޤުގެ ޕާސްޕޯޓުގެ ދަރަޖަ މަތިކުރުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފި
ޢިރާޤުގެ ޚާރިޖީ ވުޒާރާއިން އެ ޤައުމުގެ ޕާސްޕޯޓުގެ ބައިނަލްއަޤުވާމީ ދަރަޖަ މަތިކޮށް، ޢިރާޤު ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ހުރި ހުރަސްތައް ނައްތާލުމުގެ މަޤުޞަދުގައި މަތީ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި މި ކޮމިޓީން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރާނީ ވީޒާ ނެތި ދަތުރުކުރެވޭ ޤައުމުތައް އިތުރުކުރުމަށާއި، ދުނިޔޭގެ އެކި ޤައުމުތަކާ އެކު އެއްބަސްވުންތައް ޤާއިމުކުރުމަށެވެ. މިއީ ޢިރާޤުގެ ރައްޔިތުންގެ ދަތުރުފަތުރުގެ ފުރުޞަތުތައް ފުޅާކޮށް، ބައިނަލްއަޤުވާމީ މުޖުތަމަޢާ ގުޅުން ބަދަހިކުރުމުގެ ބޮޑު މަސައްކަތުގެ ބައެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ. ޢިރާޤުގެ ޕާސްޕޯޓަކީ މިހާރު ދުނިޔޭގެ އެންމެ ދަރަޖަ ދަށް ޕާސްޕޯޓުތަކުގެ ތެރޭގައި ހިމެނޭ ޕާސްޕޯޓެކެވެ.
ނަމަވެސް މިހާރުވެސް އީރާނު، ތޫނިސް، ލުބުނާން ހިމެނޭ ގޮތަށް އޭޝިއާ، އެފްރިކާ އަދި ކެރީބިއަންގެ ބައެއް ޤައުމުތަކާ އެކު ވީޒާ ނެތި ނުވަތަ އެރައިވަލް ވީޒާގައި ދަތުރުކުރެވޭ އެއްބަސްވުންތައް ޢިރާޤުން ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން މެލޭޝިއާ، ތުރުކީ، ދިވެހިރާއްޖެ، ސީޝެލްސް، ސެމޯއާ، ޕަލާއޫ، މައިކްރޮނީޝިއާ، ސޫރިނާމް، ޒެމްބިއާ، ޑޮމިނިކާ އަދި ހެއިޓީ ފަދަ ޤައުމުތަކަށް ވެސް ޢިރާޤު ރައްޔިތުންނަށް ވީޒާ ނެތި ނުވަތަ ވީޒާއާ އެކު ދަތުރުކުރެވެއެވެ.
ޢިރާޤުގެ އޮފިޝަލުން ބުނި ގޮތުގައި، ޑިޕްލޮމެޓިކް ގުޅުންތައް ވަރުގަދަކޮށް ދަތުރުފަތުރާ ބެހޭ އެއްބަސްވުންތައް އިތުރުކުރެވިގެން މި ލިސްޓް ފުޅާކުރެވޭނެއެވެ. ރަނގަޅު ދަތުރުފަތުރުގެ ފުރުޞަތުތައް ހޯދައިދިނުމަކީ ސަގާފީ، ތަޢުލީމީ އަދި އިޤުތިޞާދީ ގޮތުން ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް އެންމެ މުހިންމު އެއް ލަނޑުދަނޑި ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.