ލުބުނާނަށް ބޮން އެޅުން އިސްރާއީލަށް މަނާކޮށްފައިވާ ކަމަށް ޓްރަމްޕް ބުނެފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްތިއުމާރީ އިސްރާއީލުން ލުބުނާނަށް އިތުރު ހަމަލާތައް ދިނުން އެމެރިކާއިން ހުއްޓުވަމުންދާ ކަމަށް ބުނެފިއެވެ.
ޓްރަމްޕް އޭނާގެ ޓްރތް ސޯޝަލް ޕްލެޓްފޯމުގައި ލިޔެފައިވަނީ "އިސްރާއީލުން ދެން ލުބުނާނަށް ބޮން ނާޅާނެ. އެމެރިކާއިން އެކަން ވަނީ މަނާކޮށްފައި. ދެން ފުދިއްޖެ!" ކަމަށެވެ. ހުކުރު ދުވަހު ގަޑީއިރުތަކެއް ކުރިން އިޢުލާނުކުރި ހަމަލާ ހުއްޓާލުމާ އެއްގޮތަށް މި ބަޔާން އައީ ކަމަށް އަނަދޯލޫ ނޫސް އެޖެންސީން ރިޕޯޓުކުރެއެވެ.
ލުބުނާނާއި އިސްރާއީލުގެ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަކީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ ވަކި ކަމެއް ކަމަށް ޓްރަމްޕް ބުންޏެވެ. އަދި "ލުބުނާނާ އެކު މަސައްކަތް ކުރުމާއި ހިޒްބުالله ގެ މައްސަލައިގައި އެކަށީގެންވާ ގޮތަކަށް ކަންކަން ކުރިއަށް ގެންދާނެ" ކަމަށް ވެސް އޭނާ ބުންޏެވެ. ބުރާސްފަތި ދުވަހު ޓްރަމްޕް ވަނީ ތެލް އަވީވާއި ބޮރުތުގެ ގަޑިން ހުކުރު ދުވަހުގެ މެންދަމުން ފެށިގެން 10 ދުވަހުގެ ހަމަލާ ހުއްޓާލުމެއް އިޢުލާނުކޮށްފައެވެ.
ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އިސްތިއުމާރީ އިސްރާއީލުން ލުބުނާނަށް ދިން 45 ދުވަހުގެ ހަމަލާތަކުގައި 2،196 އަށް ވުރެ ގިނަ މީހުން މަރުވެ، 7،185 މީހުން ޒަޚަމްވެ، އެއް މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން މަޖުބުރުވިއެވެ. އިސްރާއީލުން ލުބުނާނާ ދެކޮޅަށް ހަނގުރާމަ ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރުގައެވެ. ޖެހިގެން އައި އަހަރުގެ ނޮވެމްބަރުގައި ހަމަލާ ހުއްޓާލުމެއް އިޢުލާނުކުރި ނަމަވެސް، އެ އެއްބަސްވުމާ ތަކުރާރުކށް ޚިލާފުވެ، މާރިޗު 2 ގައި އަސްކަރީ ޢަމަލިއްޔާތު އިތުރަށް ފުޅާކުރި ކަމުގެ ތުހުމަތު އިސްރާއީލުގެ މައްޗަށް ކރެވެއެވެ. އިސްތިއުމާރީ އިސްރާއީލުން ދެކުނު ލުބުނާނުގެ ބައެއް ސަރަހައްދުތައް އަދިވެސް ގެންދަނީ އިސްތިއުމާރުކުރަމުންނެވެ.