ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު ވަނީ ފަށާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެއެވެ.
މި އިންތިޚާބުގެ ވޯޓުލުން ހުރިހާ މަރުކަޒެއްގައިވެސް އަމާންކަމާއެކު ފެށިގެން ކުރިއަށްދާކަން ކޮމިޝަނުން ފާހަގަކުރެއެވެ. މި ބުރުގައި ޖުމްލަ ފަސް ދާއިރާއެއްގައި އިންތިޚާބު ބާއްވާއިރު، އޭގެ ތެރޭގައި ބ. ދޮންފަނު ކައުންސިލްގެ އަންހެން މެންބަރަކު ހޮވުމާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރަކު ހޮވުން ހިމެނެއެވެ. މީގެ އިތުރުން ހއ. ކެލާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުން ހޮވުމަށްވެސް ވޯޓުލުން ކުރިއަށްދެއެވެ.
ވޯޓުލުމަށްޓަކައި އެކި ސަރަޙައްދުތަކުގައި ޖުމްލަ 14 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެގޮތުން ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު ދާއިރާގެ ކޮންމެ ރަށެއްގައި ދެ ފޮށި ބަހައްޓާފައިވާއިރު، ނޭކުރެންދޫ އާއި ދޮންފަނުގައި ބަހައްޓާފައިވަނީ ކޮންމެ ރަށެއްގައި އެއް ފޮއްޓެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން މާލޭގައިވެސް ވޯޓު ފޮށިތައް ވަނީ ޤާއިމުކޮށްފައެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 6,093 މީހުންނަށް ލިބިފައިވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ވޯޓުލާ މީހުން ތިބީ ކެލާ ދާއިރާގައެވެ. އެއީ 1,729 މީހުންނެވެ. ދެން އެންމެ ގިނައީ މާވަށު ދާއިރާއިން 1,556 މީހުންނެވެ. މީގެ އިތުރުން ފުވައްމުލަކު ދަނޑިމަގު ދާއިރާއިން 1,311 މީހުން، ނޭކުރެންދޫއިން 1,056 މީހުން އަދި ދޮންފަނުން 441 މީހުންނަށް ވޯޓުލުމުގެ ފުރުޞަތު އޮތެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ވޯޓުލާ ނިމުމާއެކު މިއަދު ވަގުތީ ނަތީޖާ އިޢުލާން ކުރަން ފަށާނެއެވެ. އަދި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހު ނުވަތަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހަށެވެ.