ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ނަމުގައި ހިންގާ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުގެ ފަރާތުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
މި ތަކެތި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާ ރަސްމީކޮށް ހަވާލުކުރުމުގެ ބައްދަލުވުން މިއަދު ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ރަސްމިއްޔާތުގައި ސައުދީ ސަރުކާރުގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެލެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި އެހީއާ ގުޅޭގޮތުން ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ވިދާޅުވީ، 2004 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 22 އަހަރު ދުވަހުވެސް ސައުދީން މެދުކެނޑުމެއްނެތި ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންދާ ކަމަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއްކަން ފާހަގަކުރައްވައި، ސައުދީ ސަރުކާރަށާއި އެ ގައުމުގެ އެމްބަސީއަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިންވެސް ވަނީ 10 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ ފަހަރު ލިބުނު ކަދުރުތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެކި މުއައްސަސާތަކަށް ބަހާފައެވެ.