Advertisement

ގަވާއިދަށް އަމަލުކުރާ މުއްދަތު ދިގުކޮށް، އަބުރުގެ ބިލް ހުށަހެޅުމަށް އަންގައިފި

16 Apr 2026 | 13:52
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން /ފޮޓޯ: މަޖިލިސް އިދާރާ

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަށް އަމަލުކުރާ މުއްދަތު އެއް އަހަރަށް އިތުރުކުރުމަށާއި، އަބުރުގެ ގާނޫނުގެ ބިލު ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

2008 ވަނަ އަހަރު އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން، ހަދަންޖެހޭ ބައެއް ގާނޫނުތައް ނުހެދި ހުރުމުގެ ސަބަބުން، އެ ދާއިރާތަކާ ގުޅޭ ގަވާއިދުތަކަށް ގާނޫނީ ބާރު ދިނުމަށްޓަކައި "އާއްމު ގަވާއިދުތަކާބެހޭ ގާނޫނު" ގެ ނަމުގައި ގާނޫނެއް ފާސްކޮށް އަންނަނީ އަމަލުކުރަމުންނެވެ.

Advertisement

ކޮންމެ އަހަރަކުވެސް މި ގާނޫނުގެ ދަށުން ހިމެނޭ ގަވާއިދަކާ ގުޅޭ ގާނޫނެއް ފާސްވެއްޖެނަމަ އެ ގަވާއިދެއް އުނިކޮށް، ބާކީ ހުރި ގަވާއިދުތަކަށް ގާނޫނީ ބާރު ދިނުމަށްޓަކައި މި ގާނޫނުގެ މުއްދަތު މަޖިލީހުން އަންނަނީ އިތުރުކުރަމުންނެވެ. މިހާރު އަމަލުކުރަމުންދާ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާއިރު، މި ގާނޫނުގެ ދަށުން މިހާރު ހަދަން ބާކީ އޮތީ ހަމައެކަނި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ އަބުރުގެ ގާނޫނެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ގަވާއިދު ކޮމިޓީން ސުވާލުކުރުމުން، އޭޖީ އޮފީހުން ބުނެފައިވަނީ ބިލުގެ މަސައްކަތް ނިންމައި އަންނަ ޖޫން މަހު މަޖިލީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭޖީ އޮފީހުގެ ޖަވާބާ ގުޅިގެން، އެ ބިލު ވީހާވެސް އަވަހަކަށް ފޮނުވުމަށް އެންގުމާއެކު، އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދެމެހެއްޓުމަށް ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅިއެވެ. މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ ކޮމިޓީގެ ލަފަޔާ އެއްގޮތަށް، އަބުރުގެ ބިލު އަވަސްކުރުމަށް އޭޖީ އޮފީހަށް އެންގުމަށާއި، އާންމު ގަވާއިދުތަކުގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލަށް އިތުރުކުރުމަށެވެ.

Advertisement

ކޮމެންޓް