ފ.އަތޮޅުގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަން ޤާއިމުކޮށް ޚިދުމަތް ފަށައިފި
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ފ. އަތޮޅުގެ ނިލަންދޫގައި ތެޔޮ ވިއްކާ ސްޓޭޝަނެއް ގާއިމުކޮށް، އެތަނުން ޚިދުމަތް ދޭން ފަށައިފިއެވެ.
މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކުން ފަސޭހަކަމާއެކު ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއްގެ ބައެކެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 18 ފިއުލް ސްޓޭޝަނެއް ބިނާކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރެއިން މިހާތަނަށް ފަސް ރަށެއްގައި މަސައްކަތް ނިންމައި ޚިދުމަތް ދޭން ފަށާފައިވާއިރު، އޭގެ ތެރޭގައި ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ރ. ދުވާފަރު، ބ. އޭދަފުށި އަދި ފ. ނިލަންދޫ ހިމެނެއެވެ. މީގެ އިތުރުން ށ. މިލަންދޫ، ނ. މަނަދޫ، ވ. ފެލިދޫ، ތ. ހިރިލަންދޫ، އއ. މަތިވެރި، މ. މުލައް، ދ. ކުޑަހުވަދޫ، ގދ. ފަރެސްމާތޮޑާ އަދި ލ. ގަމުގައިވެސް މިފަދަ ސްޓޭޝަންތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލެއާ އެއް އަގަކަށް އަތޮޅުތަކުން ތެޔޮ ނުލިބުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. މީގެ ކުރިން އެފްއެސްއެމްގެ ޚިދުމަތް ލިބެމުން އައީ މާލޭގެ އިތުރުން އައްޑޫ، ފުވައްމުލައް، ކޫއްޑޫ، ތިނަދޫ އަދި ފެލިވަރުން އެކަންޏެވެ. އެހެން ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ތެޔޮ ވިއްކާތީ، އާންމުކޮށް ތެޔޮ ލިބެނީ ވަރަށް ބޮޑު އަގުގައެވެ. މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ނިންމެވީ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މި މުޅި މަޝްރޫއު އެއްކޮށް ނިންމާލުމެވެ.