Advertisement

ހަނގުރާމައާ ގުޅިގެން ކޮންސްޓްރަކްޝަން ސާމާނުގެ ދަތިކަމަށް ހައްލު ހޯދަނީ

16 Apr 2026 | 12:08
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް /ފޮޓޯ: މަޖިލިސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ބޮޑުހިލައާއި އެހެނިހެން ސާމާނު ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އަތޮޅުތަކުގެ ބައެއް މަޝްރޫޢުތައް ލަސްވަނީ މި ދެންނެވި ސަބަބާހުރެ ކަމަށެވެ. ޚާއްޞަކޮށް ވެލިދޫ ދާއިރާގެ ފޮއްދޫ ބަނދަރުގެ މަސައްކަތާއި، ވެލިދޫ އަދި ޅޮހީގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މެންބަރު މުޙައްމަދު ޢައްބާސް ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ވަޒީރު ވަނީ ތަފްޞީލީ ޖަވާބެއް ދެއްވާފައެވެ.

Advertisement

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް އާންމުކޮށް ބޮޑުހިލަ އެތެރެކުރަނީ ޔޫއޭއީ ފަދަ މެދުއިރުމަތީގެ ޤައުމުތަކުންނެވެ. ނަމަވެސް މިހާރު ދިމާވެފައިވާ ދަތިތަކާ ގުޅިގެން، އިންޑިއާ މެދުވެރިކޮށް ހިލަ ގެނެސްގެން މަސައްކަތްތައް ހަލުވިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. ރާއްޖެއަށް ބޭނުންވާ ހިލަވެލި، ދަގަނޑު އަދި ސިމެންތި ފަދަ ތަކެތި އެންމެ ގިނައިން އެތެރެކުރަނީ އިންޑިއާ، އޮމާން އަދި ޔޫއޭއީންނެވެ.

މަޝްރޫޢުތައް އަވަސްކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ގިނަ އަދަދެއްގެ ހެވީ ވެހިކަލާއި މެޝިނަރީ ރާއްޖެއަށް ގެނެސްފައެވެ. މި ތަކެތި އަތޮޅުތަކަށް ފޮނުވުމަށް ތައްޔާރުވަމުންދާއިރު، މީގެ ސަބަބުން މަޑުޖެހިފައިވާ މަސައްކަތްތަކަށް ކުރިއެރުން ލިބޭނެކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް