ސުނާމީ ބިނާ މައިޒާން ތަރައްޤީކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފި
މާލޭގެ ހުޅަނގު ފަރާތުގައި ހުންނަ ސުނާމީ ބިނާ ހިމެނޭ ސަރަޙައްދު ޒަމާނީ ބަދަލުތަކަކާއެކު ތަރައްޤީކޮށް، އެ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލާފައެވެ.
މިއީ މާލޭގައި ހުރި ހިތްފަސޭހަ މައިދާންތަކުގެ ފެންވަރު ރަނގަޅުކޮށް އާބާތުރަ ފިލުވުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ ހާއްސަ މަޝްރޫޢުތަކުގެ ތެރެއިން ކާމިޔާބުކަމާއެކު ނިންމާލެވުނު މުހިންމު މަސައްކަތެކެވެ.
މި އަހަރުގެ ފެބުރުވަރީ މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢު ސަރުކާރުން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަސައްކަތުގެ ތެރެއިން އެ ސަރަޙައްދުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ. އެގޮތުން، ގިރަމުންދިޔަ ސަރަޙައްދު ހިމާޔަތްކުރުމަށް 75 މީޓަރުގެ ޝީޓް ޕައިލް ޖަހައި، ކީވޯލް މަރާމާތުކުރުމުގެ އިތުރުން، އާންމުންނާއި ކުޑަކުދިންގެ ސަލާމަތަށްޓަކައި ވަށައިގެން ފެންސް ޖަހާފައިވެއެވެ.
މި މައިޒާނަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ސުނާމީ ބިނާގެ މޮނިއުމަންޓް އެ ސަރަޙައްދުގެ އެހެން ދިމާލަކަށް ބަދަލުކުރުމެވެ. މީގެ އިތުރުން، މައިޒާނުގައި ހިނގާބިނގާވެ އުޅޭނެ މަގުތައް ހަދައި، ގިނަ އަދަދެއްގެ ގަސް އިންދައި، އިށީނދެލައިގެން ތިބެވޭނެ ފަދަ ހިތްފަސޭހަ ގޮތްތަކެއް ވަނީ ތަރުތީބުކޮށްފައެވެ.
މާލޭގެ ހިތްފަސޭހަ ތަންތަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރުން މިހާރުވެސް ދަނީ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރަސްފަންނު ސަރަޙައްދުވެސް ބޮޑު މަރާމާތަކަށް މިވަގުތު އޮތީ ބަންދުކޮށްފައެވެ.