މަސްތުވާތަކެތި އުފުލުމަށް ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރި ދެމީހުންގެ ބަންދަށް އިތުރު 30 ދުވަސް
ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އުފުލައި، އެ ކުއްޖާ ލައްވައި މަސްތުވާތަކެތީގެ ވިޔަފާރީގެ މުޢާމަލާތްތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.
ބަންދު އަމުރުތަކުން އެނގޭ ގޮތުގައި 30 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައިވަނީ މ. ނާޒްލީމަންޒިލް، ޙަސަން ނުޢާޒު (28އ) އާއި ވ. ސެޓެލައިޓް، އަޙްމަދު ނަޢީމް (39އ) އެވެ. އެ ދެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ޓްރެފިކްކުރުމާއި ކުޑަކުއްޖަކު އެކްސްޕްލޮއިޓްކުރުމުގެ ކުށެވެ.
ބަންދު އަމުރުތަކުގައިވާ ގޮތުން، މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ އަދި އެ ދެ މީހުންނާ ދެމެދު މަސްތުވާތަކެތީގެ މުވާސަލާތުތަކެއް ހިންގާފައިވެއެވެ. އަދި ދެ މީހުން ވެގެން ކުޑަކުއްޖާ ލައްވައި މަސްތުވާތަކެތީގެ ވިޔަފާރީގެ މުޢާމަލާތްތައް ހިންގާފައިވާ ކަމަށް ތަޙުޤީޤީ އޮފިސަރު ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ދެ މީހުންގެ ދެމެދުގައި ފައިސާގެ ވެސް ގިނަ މުޢާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބަންދު އަމުރުތަކުގައިވެއެވެ.
ހެކީގެ ގޮތުގައި އިންޓެލިޖެންސް ރިޕޯޓާއި، ފުލުހުންގެ ބަޔާނާއި، މަސްތުވާތަކެތީގެ ތަޙްލީލް ރިޕޯޓާއި، ކޯލް އިންޓަސެޕްޓް ޑާޓާ ޓްރާންސްކްރިޕްޓާއި، ސީސީޓީވީ ފުޓޭޖާއި ބޭންކް ޑީޓެއިލްސް ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުތަކުން އެނގެއެވެ. ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭތީ ބަންދުގައި ބެހެއްޓުމަށް ޤާޟީ އިބްރާހީމް ޛިހުނީ ވަނީ އަމުރުކުރައްވައިފައެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ޑްރަގް އެންފޯސްމަންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުންނެވެ. މި މައްސަލައިގައި އެކްސްޕްލޮއިޓް ކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.