Advertisement

އީރާނަށް ފަހު ތުރުކީ ދެން ޢަދުއްވެއް ކަމަށް އިސްރާއީލުން ކަނޑައެޅުން އެކަށީގެންވޭ: ތުރުކީގެ ޚާރިޖީ ވަޒީރު

13 Apr 2026 | 16:01
ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން

އީރާނަށް ފަހު އިސްތިއުމާރީ އިސްރާއީލުން ސަރަހައްދީ އައު ވާދަވެރިއެއްގެ ގޮތުގައި ތުރުކީ ސިފަކޮށްފާނެ ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ވިދާޅުވެއްޖެއެވެ.

އަނަދޯލޫ އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ފިދާން ވިދާޅުވީ އިސްރާއީލުން "އީރާނަށް ފަހު ތުރުކީ އައު ހަތުރެއްގެ ގޮތުގައި ކަނޑައަޅަން މަސައްކަތް ކޮށްފާނެ" ކަމަށާއި، "ދުޝްމަނަކާ ނުލައި އިސްރާއީލަށް ދެމިނޯންނާނެ" ކަމަށެވެ. މެދުއިރުމަތީގެ ޤައުމުތަކުން ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަ ކަމާއި ޤައުމީ ސަލާމަތަށް އިޙުތިރާމް ކުރާ ރަސްމީ ސަރަހައްދީ ސަލާމަތީ އޮނިގަނޑެއް ބިނާކުރުމަށް ފިދާން ގޮވައިލެއްވިއެވެ.

Advertisement

ފިދާން ވިދާޅުވީ އިސްރާއީލުން ލުބުނާނުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ޣައްޒާގައި ދެމުންދާ ހަމަލާތަކާ ވައްތަރު ކަމަށާއި، ގެދޮރާއި ބިނާރުތައް ފުޅާ ދާއިރާއެއްގައި ހަލާކުކުރަމުން ދަނީ "އާބާދީ ބޭރުކުރުމުގެ ކެމްޕެއިނެއް"ގެ ތެރެއިން ކަމަށެވެ. ސީރިޔާއާ ބެހޭ ގޮތުން ފިދާން ވިދާޅުވީ އެ ޤައުމަށް އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ "ބޮޑު މައްސަލައެއް" ކަމަށާއި ތުރުކީއަށް "ސީރިއަސް ރިސްކެއް" ކަމަށެވެ. މިހާރު އިސްރާއީލުން ކޮންމެވެސް ވަރަކަށް ހިފެހެއްޓިފައި ވަނީ އީރާނު މައްސަލައަށް ސަމާލުކަން ދީގެން ކަމަށާއި ނަމަވެސް އެ ހާލަތު ދެމިނޮއެންނާނެ ކަމަށް ފިދާން އިންޒާރު ދެއްވިއެވެ.

ޑިޕްލޮމެސީގެ ފުޅާ މައިދާނާ ބެހޭ ގޮތުން ފިދާން ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމުގައި އީރާނާއި އެމެރިކާ "ތެދުވެރި" ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ބޭރުގެ ފަރާތްތަކުން އެ މަސައްކަތް ގެއްލުވައިލައިފާނެ ކަމުގެ އިންޒާރު ދެއްވިއެވެ. ހޮރްމޫޒް ކަނޑުއޮޅި ސުލްހަވެރި ގޮތުގައި ހުޅުވާލުމަށް ތުރުކީން ތާއީދުކުރާ ކަމަށާއި، އަސްކަރީ ފިޔަވަޅެއް އެޅުމުން ބޮޑެތި ނުރައްކާތައް ކުރިމަތިވާނެ ކަމަށް ފިދާން ވިދާޅުވިއެވެ.

ނޭޓޯއާ ބެހޭ ގޮތުން ފިދާން ވިދާޅުވީ 2026 ވަނަ އަހަރުގެ ޖުލައި 7-8 ގައި އަންކާރާގައި ބާއްވާ ސަމިޓަކީ ނޭޓޯގެ ތާރީޚުގައި އެންމެ މުހިންމު އެއް ސަމިޓަށް ވެދާނެ ކަމަށާއި، ނޭޓޯއާއި އެމެރިކާގެ ގުޅުން އިތުރަށް ބައްޓަންކުރުމުގެ ފުރުސަތެއް ކަމަށެވެ.

Advertisement

ކޮމެންޓް