Advertisement

ފަރުތަކުގެ ގާ ހުދުވުމުގެ ބިރު: ބިން ހިއްކުން މަޑުޖައްސާލަން ގޮވާލައިފި

13 Apr 2026 | 14:05
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ/ ރައީސް އޮފީސް

ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުރަކަ ފަރުތަކަށް ކުރިމަތިވެފައިވާ ގާ ހުދުވުމުގެ ބިރުވެރިކަމާ ގުޅިގެން، ބިން ހިއްކުމާއި ފަޅު ފުންކުރުން ފަދަ ހުރިހާ މަސައްކަތްތަކެއް މިހާރުން މިހާރަށް މެދުކަނޑާލުމަށް މޯލްޑިވްސް ރެސިލިއަންޓް ރީފްސް (އެމްއާރްއާރް) އިން އިލްތިމާސްކޮށްފިއެވެ.

ނޯއާ ކޮރަލް ރީފް ވޮޗްގެ ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް އެ ޖަމްއިއްޔާއިން ހާމަކުރި ގޮތުގައި، ރާއްޖެ މިހާރު އޮތީ ގާ ހުދުވުމުގެ ފުރުސަތު ބޮޑުކަމަށް ދައްކާ 'ވޮޗް' އެލާޓްގައެވެ. އަދި ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި މި ހާލަތު 'އެލާޓް ލެވަލް 1' އަށް މައްޗަށް ދިއުމުގެ ބިރު އެބައޮތެވެ.

Advertisement

ގާ ހުދުވުމަކީ ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މުރަކައަށް ބޭނުންވާ ކާނާ ފޯރުކޮށްދޭ 'ޒޫޒެންތެލީ' ފެހިތައް މުރަކައިގެ ހަށިގަނޑުން ބޭރުވުމުން ދިމާވާ ކަމެކެވެ. މީގެ ސަބަބުން މުރަކައިގެ ކުލަ ގެއްލި ހުދުވެއެވެ. ލޮނުގަނޑުގެ ހޫނުމިން އަވަހަށް ދަށްވެއްޖެނަމަ މުރަކަތައް ސަލާމަތްވުމުގެ ފުރުސަތު އޮތް ނަމަވެސް، ހޫނުގަދަ ހާލަތު ދެމިގެންދާނަމަ މުރަކަތައް މަރުވެ ފަރުތައް ހަލާކުވެގެންދެއެވެ. މީގެ ކުރިން 1998، 2016 އަދި 2023 ގައި ވެސް ރާއްޖޭގެ ފަރުތަކަށް މިފަދަ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ނާޒުކު ހާލަތުން ފަރުތައް ރައްކާތެރިކުރުމަށް އެމްއާރްއާރް އިން ވަނީ ސަރުކާރާއި އާންމުންނަށް މުހިންމު ކަންތައްތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި، ލޮނުގަނޑުގެ ހޫނުމިން އާދައިގެ މިންވަރަކަށް ތިރިވަންދެން ބިން ހިއްކުމުގެ މަޝްރޫއުތައް މަޑުޖައްސާލުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަށްގެންދާ ގޮނޑުދޮށް މަރާމާތުކުރުން ފަދަ ވެލި އެޅުމުގެ މަސައްކަތްތައް ހުއްޓާލުން ހިމެނެއެވެ. މީގެ އިތުރުން ނަޖިސް ފެން ސާފުނުކޮށް ކަނޑަށް ނޭޅުމަށާއި، ފަރުތަކަށް ގެއްލުންވާނެ ފަދަ ގޮތްގޮތަށް ނަގިލިލުމާއި މަސްވެރިކަން ކުރުމުން ދުރުހެލިވުމަށް ވަނީ އެދިފައެވެ.

އެ ޖަމްއިއްޔާއިން އިތުރަށް ބުނެފައިވަނީ، ފަރުތަކުން ގާ ހުދުވާކަން ފާހަގަކުރެވޭނަމަ މެރިން ރިސާޗް އިންސްޓިޓިއުޓަށް އެކަން ރިޕޯޓްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ފަރުތަކުގެ ދިރުން ދެމެހެއްޓުމަށްޓަކައި މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކަކުން ވެސް ޒިންމާދާރުކަމާއެކު އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމްއިއްޔާއިން ވަނީ ބާރުއަޅާފައެވެ.

Advertisement

ކޮމެންޓް
ވަކީލު
ބިންހިއްކުން ކުރިޔަށް ގެންދާނެ. ހުދުވާއެއްޗެއް ހުދުވޭ.
14 Apr 2026