މައިމުޅަވުމުން ތަރިކައިން ގޯތި ލިބޭ ގޮތް ހެދުމަށް އިސްލާހު ހުށަހަޅަން ޖެހޭނީ އާއިލާއާއި ބެހޭ ގާނޫނަށް: ޝަމްހީދު
މައިމުޅަވުމުގެ ސަބަބުން ކާފަ ނުވަތަ މާމަގެ ތަރިކައިން ބަންޑާރަ ގޯތި ނުލިބޭ މައްސަލައަށް ހައްލެއް ހޯދުމަށް ބިމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އާއިލާއާ ބެހޭ ގާނޫނަށް ގެންނަންޖެހޭ ބަދަލެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ފާހަގަކުރައްވައިފިއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ ތަރިކައިގެ އުސޫލުން ބައި ނުލިބުނު ކަމުގައި ވިޔަސް، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މައިމުޅަ ދަރިންނަށް ބަންޑާރަ ބިމުން ހިއްސާއެއް ކަށަވަރުކޮށްދިނުމެވެ. ނަމަވެސް، ޝަމްހީދު ވިދާޅުވީ މިއީ ހަމައެކަނި ބިމާ ގުޅޭ ކަމެއް ނޫން ކަމަށާއި، މައިމުޅަވާ ކުދިންނަށް އެކުދިންގެ ކާފަ ނުވަތަ މާމަގެ ފައިސާ އާއި އެހެނިހެން މުދާ ވެސް ގެއްލޭތީ މިއީ ފުޅާ ދާއިރާއެއްގައި ހައްލުކުރަންޖެހޭ މައްސަލައެއް ކަމަށެވެ.
އިސްލާމީ ގިނަ ގައުމުތަކުގައި މިކަމަށް އޮންނަ ހައްލަކީ "ވަސިއްޔަ ވާޖިބާ" ގެ އުސޫލުކަން ފާހަގަކުރައްވައި، މިސްރާއި ސޫރިޔާ ފަދަ ގައުމުތަކުގައި ވެސް މިކަން ހައްލުކޮށްފައިވަނީ އާއިލާއާ ބެހޭ ގާނޫނުގެ ތެރެއިން ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އެހެންކަމުން، ރާއްޖޭގައި ވެސް މި އިސްލާހު ގެންނަންވާނީ އާއިލާއާ ބެހޭ ގާނޫނަށް ނުވަތަ ވާރުތަ މުދަލާ ބެހޭ ގާނޫނަށް ކަމަށް އޭނާ ވަކާލާތު ކުރެއްވިއެވެ.
މީގެ އިތުރުން، މިހާރު ހުށަހަޅާފައިވާ ބިލުގައި ހަމައެކަނި ބޯހިޔާވަހިކަމެއް ނެތް މައިމުޅަ ކުދިންނަށް ބިން ލިބޭ ގޮތަށް އޮތުމަކީ އިންސާފެއް ނޫން ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެހެން ވާރިސުންނަށް ވެސް މުދާ ލިބޭ އުސޫލުން، އެއްވެސް ތަފާތުކުރުމެއް ނެތް ގޮތެއްގައި މައިމުޅަވާ ކުދިންނަށް ވެސް އެ ހައްގު ފުރިހަމައަށް ލިބެންޖެހޭނެއެވެ.
ރާއްޖޭގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު މި މައުޟޫއަށް ޝާއިއުކުރައްވާފައިވާ އިލްމީ ލިއުންތަކަށް ބިނާކުރައްވައި ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގައި މުޅިން އާ ކަމެއް ނޫނެވެ. ނަމަވެސް މިފަދަ ކަންކަމަށް ފުރިހަމަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބިމާބެހޭ ގާނޫނަށް ހުށަހަޅާފައިވާ ބަދަލަކީ މިވަގުތަށް މަޖުބޫރުވެފައިވާ ކަމެއް ނަމަ އެކަމަށް އޭނާ ދެކޮޅު ނުހެއްދެވި ނަމަވެސް، އެންމެ އެދެވިގެންވާ ގޮތަކީ ހުރިހާ މުދަލަކުންވެސް ކުދިންނަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކޮށްދޭ "ވަސިއްޔަ ވާޖިބާ" ގެ އުސޫލު ގާނޫނުގައި ހިމެނުން ކަމަށް ޝަމްހީދު ލަފާދެއްވިއެވެ.
އެމްޑީޕީގެ މެމްބަރު ކުޑޫ ހުށަހެޅުއްވި މި އިސްލާހަށް ޝަމްހީދު ފާޑުކިޔުންތަކެއް އަމާޒުކުރެއްވިއިރު، ޕާޓީއަށް ލިބިފައިވާ ވަގުތުން ވާހަކަދައްކަން ފުރުސަތު ނުލިބުމުން އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. މަޖިލީހުގެ ތަޅުމުގައި ތިއްބެވި މަރަދޫ ދާއިރާގެ މެމްބަރާއި އެމްޑީޕީގެ ޑެޕިއުޓީ ލީޑަރާ މުހާތަބުކޮށް ޝަމްހީދު ވާހަކަދައްކަވަން ފެއްޓެވުމުން، ރިޔާސަތުގައި އިންނެވި އަހުމަދު ނާޒިމް ވަނީ އެކަން ހުއްޓުވައި، ހަމައެކަނި ރިޔާސަތާ މުހާތަބުކޮށް ވާހަކަދެއްކުމަށް އަންގަވާފައެވެ.
ޕާޓީގެ ވަގުތު ހޯދުމަށް މަސައްކަތް ކުރައްވަމުން ޝަމްހީދު ވިދާޅުވީ، އެމްޑީޕީގެ އެހެން މެމްބަރަކު ވާހަކަދައްކަން އެދިފައި ނެތް ހާލަތެއްގައި، ޕީޖީ ގުރޫޕުން މެމްބަރުންނަށް ލިބޭ ފުރުސަތުތައް ހަނިކޮށްގެން ނުވާނެ ކަމަށެވެ.