Advertisement

އިޤްތިޞާދީ ހިރާސްތައް ކުޑަކުރުން: ހަނގުރާމައިގެ ދަނޑިވަޅެއްގައި ޤައުމީ މަސްލަޙަތު ހިމާޔަތްކުރުންޖެހޭ!

12 Apr 2026 | 14:26
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މެެދުއިރުމަތީ ހަނގުރާމަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން /ފޮޓޯ: ރައީސް އޮފީސް

މިދިޔަ ފެބުރުވަރީ މަހުގެ ފަހުކޮޅު އިޒްރޭލާއި އެމެރިކާއިން އިރާނަށް ދިން ޙަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ މައި މަގެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް އީރާނުން ވަނީ ހުރަސް އަޅާފައެވެ.

މި ހާދިސާއާ ގުޅިގެން ތެލާއި ގޭހުގެ އަގު ބާޒާރުގައި އުފުލި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުން ގިނަ ޤައުމުތަކަކުން ވަނީ ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

Advertisement

މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ހުރިހާ ރަސްމީ ދަތުރުތަކެއް ހުއްޓާލުމެވެ.

ސަރުކާރުގެ އިދާރާތަކުން ތަމްރީނުތަކަށާއި އެކި ބޭނުންތަކަށް ކުރާ ދަތުރުތައް މަޑުޖައްސާލުމަށް އަންގާފައިވާއިރު، މީގެ ތެރޭގައި ޚާރިޖީ ވުޒާރާގެ ދަތުރުތައްވެސް ހިމެނެއެވެ. ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ އެމަނިކުފާނު ކުރައްވަން ހުރި ބައެއް ދަތުރުތައް ކެންސަލް ކުރައްވާފައިވާކަން ހާމަކުރައްވާފައެވެ. ސަރުކާރުން މިހާރު އިސްކަންދެނީ އޮންލައިންކޮށް ބައިވެރިވެވޭ ބައްދަލުވުންތަކަށް އެ ވަސީލަތްތައް ބޭނުންކުރުމަށެވެ. މީގެ އިތުރުން ދައުލަތުގެ އިދާރީ ޚަރަދުތައް ކުޑަކުރުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލާނެ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕީސީބީން ވަނީ ޚަރަދު ކުޑަކުރުމަށްޓަކައި ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ކަނޑައަޅާފައެވެ. މީގެ ތެރޭގައި އިތުރުގަޑީގެ މަސައްކަތްތައް މަދުކުރުމާއި، އަލަށް މުވައްޒަފުން ނުނެގުމާއި، މުސާރައިގެ ކުރިއެރުން ދިނުން ފަސްކުރުން ހިމެނެއެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި އިދާރީ ހިންގުމަށް ކުރާ ޚަރަދުތައް ކުޑަކުރުމަށް ވަނީ ލަފާދީފައެވެ.

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދިޔަ ނަމަވެސް، ސިއްޙީ ދާއިރާއާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބުރޫނާރާނެހެން ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އިޤްތިޞާދީ ހާލަތު އިތުރަށް ގޯސްވާނަމަ، މަޝްރޫޢުތަކުގެ އިސްކަންދޭ ތަރުތީބަށް ބަލައި ބައެއް ކަންކަން ފަސްކުރުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު، ތަކެތީގެ އަގު އުފުލުނު ނުދިނުމަށްޓަކައި 160 އަށްވުރެ ގިނަ ބާވަތުގެ މުދާ މޮނީޓަރކޮށް، އަސާސީ 26 ބާވަތެއްގެ މުދާ ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހަނގުރާމައިގެ ސަބަބުން ބައެއް ޤައުމުތަކުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، ސަރުކާރުން ވަނީ އެފަދަ ހާލަތެއް މެދުވެރިނުވާ ހިނދަކު ހަރުކަށި ފިޔަވަޅުތަކެއް ދުރާލާ ނާޅާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބަދަލުވަމުންދާ ހާލަތައް ތައްޔާރުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް