ޒުވާންކަން ދެމެހެއްޓުމަށް 30 ގެ އަހަރުތަކުގައި ކުރެވިދާނެ ކަންކަން
އުމުރުން 20 ގެ އަހަރުތަކުގައި ކިތަންމެ ލަހުން ނިދާފައި، ކިތަންމެ ގިނައިން ކައިގެންވެސް ހަށިގަނޑަށް މާ ބޮޑު އަސަރެއް ނުކޮށް ހުރެދާނެއެވެ. ނަމަވެސް 30 ގެ އަހަރުތައް ފެށުމާ އެކު ހަށިގަނޑު ބަދަލުވާން ފަށައެވެ. ކެލޮރީ އަންދާ މިންވަރު ދަށްވެ، ހަންގަނޑަށް ބަދަލު އައިސް، ހުޅުތަކުގައި ރިއްސާން ފެށުމަކީ ދިމާވެދާނެ ހާލަތެކެވެ. އެހެންކަމުން މިއީ ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމަށް ފިޔަވަޅު އަޅަން ފަށަންވީ ވަގުތެވެ.
ކުރިން ކާ ވަރަށް ކައިގެން ބަރުދަން އިތުރުނުވެ ހުރި ނަމަވެސް، 30 ފުރުމާ ހިސާބުން ހަށިގަނޑުގެ މެޓަބޮލިޒަމް ލަސްވާން ފެށުމުގެ ސަބަބުން ކެއުމުގެ އާދައަށް ބަދަލު ގެންނަން ޖެހެއެވެ. އެއް ފަހަރާ ބޮޑެތި ބަދަލު ގެނައުމުގެ ބަދަލުގައި ކެއުމުގެ މިންވަރު މަދު މަދުން ކުޑަކޮށް، ޕްރޮސެސްޑް ކާނާ މަދުކޮށް، ތާޒާ ތަރުކާރީ އާއި މޭވާ އިތުރުކުރުމަކީ ދެމެހެއްޓެނިވި ބަދަލެކެވެ. 2024 ވަނަ އަހަރު ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ބަންދުކުރި ކާނާ ގިނައިން ކެއުމުގެ ސަބަބުން ހިތުގެ ބައްޔާ ގުޅިގެން މަރުވުމުގެ ފުރުޞަތު 50 އިންސައްތަ އިތުރުވެ، ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުޞަތު ގާތްގަނޑަކަށް ދެ ގުނަ ބޮޑުވެއެވެ.
ނިދުމަކީ ގިނަ ބަޔަކު އެހާ ސީރިއަސްކޮށް ނުނަގާ ކަމެއް ނަމަވެސް، ހަށިގަނޑުގެ ހާލަތު ރަނގަޅުކޮށް، ރީސެޓްކޮށް ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ނިދި ވަރަށް މުހިންމެވެ. ނިދި މަދުވުމުގެ ސަބަބުން ބަރުދަން އިތުރުވެ، ހަންގަނޑު އަވަހަށް މުސްކުޅިވެ، ސިކުނޑީގެ މަސައްކަތްތެރިކަން ދަށްވުން އެކަށީގެންވެއެވެ. ކޮންމެ ރެއަކު މަދުވެގެން ހަތް ގަޑިއިރު ނިދުމަށް އާދަކޮށް، ނިދުމުގެ ކުރީން ފޯނާއި ސްކްރީން ދުރުގައި ބެހެއްޓުމަކީ ނިދީގެ ފެންވަރު ރަނގަޅުކޮށްދޭ ކަމެކެވެ.
ހަކުރު ބައްޔާއި ކޮލެސްޓްރޯލް މައްޗަށް ދިއުން ފަދަ ބަލިތަކަކީ ކުރީކޮޅު އެއްވެސް އަލާމާތެއް ނުފެނިވެސް ހުރެދާނެ ބަލިތަކެވެ. 30 ގެ އަހަރުތައް ފެށުމާ އެކު ގަވާއިދުން އަހަރީ ޗެކަޕް ހެދުމުގެ އާދަ އަށަގެންނެވުން ބުއްދިވެރިއެވެ. ކުރީ ބައިގައި ދެނެގަނެވިއްޖެ ނަމަ ފަރުވާ ހޯދައި ބަލީގެ ނުރައްކާ ކުޑަކުރެވެއެވެ. ދިވެހިރާއްޖޭގައި ވެސް ސިއްހީ ޚިދުމަތް ދޭ ތަންތަނުން މި ފުރުޞަތު ލިބެން ހުންނައިރު، މާ ލަސްނުކޮށް ފެށުން ރަނގަޅެވެ.
ރާއްޖެ ފަދަ އަވި ގަދަ ޤައުމެއްގައި ދިރިއުޅޭ އިރު ސަންސްކްރީން ބޭނުންކުރުމަކީ ގިނަ ބަޔަކު ފަރުވާކުޑަކޮށްލާ ކަމެކެވެ. ނަމަވެސް ގެއްލުން ދެނިވި ޔޫވީ ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ގެއްލުން ލިބި، އަވަހަށް މުސްކުޅިވެ، ހަމުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ. ކޮންމެ ދުވަހެއްގެ ހެނދުނުގެ ތައްޔާރީތަކުގެ ތެރެއިން އެސްޕީއެފް 30 ނުވަތަ އެއަށް ވުރެ ގަދަ ސަންސްކްރީނެއް ބޭނުންކުރުމުގެ އާދަ އަށަގެންނެވުމަކީ ހަންގަނޑުގެ ޒުވާންކަން ދެމެހެއްޓުމަށް ކުރެވޭނެ އެންމެ ފަސޭހަ ކަމެވެ.
ދުވުމާއި ބާސްކެޓްބޯޅަ ފަދަ ހައި-އިމްޕެކްޓް ކުޅިވަރުތަކުގެ ސަބަބުން ހުޅުތަކާއި މަޑުކައްޓަށް ބާރު ބޮޑުވެ، ގެއްލުން ލިބުން އެކަށީގެންވެއެވެ. ފެތުމާއި ބައިސްކަލު ދުއްވުމާއި ހިނގާލަން ދިއުން ފަދަ ލޯ-އިމްޕެކްޓް ކަސްރަތުތައް ހިމެނުމަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓޭނެ ފައިދާ ބޮޑު ބަދަލެކެވެ. މުހިންމީ ކަސްރަތު ހުއްޓާލުމެއް ނޫނެވެ. ހަށިގަނޑާ ރައްޓެހި ގޮތަކަށް ހެލިފެލިވެ އުޅުމެވެ.