Advertisement

ރައީސް މުޢިއްޒު އަންނަ މަހު ސްރީ ލަންކާއަށް ވަޑައިގަންނަވަނީ

11 Apr 2026 | 14:16
ރައީސް މުޢިއްޒު -

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންނަ މަހު ސްރީ ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ރައީސް މުޢިއްޒުގެ ދަތުރުފުޅާ ގުޅޭ ގޮތުން ސްރީ ލަންކާގެ މަސްވެރިކަމާ ބެހޭ ވަޒީރު ރާމަލިންގަމް ޗަންދްރަސެކަރް އާއި ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރާ ދެމެދު ޕާލަމެންޓް ކޮމްޕްލެކްސްގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ލަންކާގެ މަސްވެރިކަމާއި ޖަންގަލީ ދިރުންތަކާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ މަސްވެރިކަމުގެ ދާއިރާގައި ދެ ޤައުމު ގުޅިގެން ކުރެވިދާނެ އާ އިންވެސްޓްމެންޓްތަކާ ގުޅޭ ގޮތުންނެވެ.

Advertisement

ވަޒީރު ޗަންދްރަސެކަރް ވަނީ ދެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ތަޖުރިބާ ހިއްސާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އެ ގޮތުން ރާއްޖޭގެ ތާޒާ މަހާއި ސްރީ ލަންކާގެ ދަޅު މަސް އިންޑަސްޓްރީ ގުޅުވައިގެން ބާޒާރަށް އާ ބާވަތްތައް ނެރެވިދާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ސްރީ ލަންކާގައި ޕްރޮސެސްކޮށް، ރާއްޖޭގެ ބާޒާރަށް އަމާޒުކޮށް ވެލިއު-އެޑެޑް މަހުގެ ބާވަތްތައް އުފެއްދުމަށް ދެ ފަރާތުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

މިހާރު ސްރީ ލަންކާގައި އުފައްދާ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެކުރަނީ ދުބާއީ ބާޒާރު މެދުވެރިކޮށެވެ. މި ބައްދަލުވުމުގައި ތިންވަނަ ފަރާތެއް މެދުވެރި ނުކޮށް ސީދާ ސްރީ ލަންކާއިން ރާއްޖެއަށް ސަޕްލައިކުރެވޭނެ ގޮތެއް ހެދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތުން ދެ ޤައުމަށް ވެސް ބޮޑެތި އިޤުތިޞާދީ ފައިދާތަކެއް ލިބޭނެ ކަމަށެވެ.

Advertisement

ކޮމެންޓް