ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު
މި ހިނގާ މަހުގެ ހަަތަރު ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އެއްވަރުވެގެން ނުވަތަ ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.
މި މަޢުލޫމާތު ހިއްސާކުރެއްވީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ދެއްވި ޚާއްޞަ ބަޔާނެއްގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، މި މަހުގެ ހަތަރެއް ގައި ބޭއްވުނު އިންތިޚާބަކީ މިހާތަނަށް ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލާން ނިކުތް ފަހަރެވެ. އަދި މުޅި އިންތިޚާބު ކުރިއަށްދިޔައީ ވަރަށް އިންސާފުވެރިކޮށް އަދި މިނިވަންކަމާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒާހިދު އިތުރަށް ވިދާޅުވީ، ދެވަނަ ބުރެއް ބާއްވަން ޖެހިފައިވާ ދާއިރާތަކުގެ ވޯޓުލުން އޮންނާނީ އޭޕްރީލް 18 ވާ ހޮނިހިރު ދުވަހު ކަމަށެވެ. މިކަމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ކޮމިޝަނުން މިހާރު ފަށާފައިވާކަންވެސް އޭނާ ހާމަކުރެއްވިއެވެ.
މީގެއިތުރުން، އިންތިޚާބާ ގުޅޭގޮތުން ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ޖުމްލަ 170 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަތައް ޤާނޫނީ އިމުގެ ތެރެއިން ބަލައި ޖަވާބު ދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމިޝަނުން ދޭ ޖަވާބާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިގޮތުން މިއަދުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި އެ ފުރުސަތު ބޭނުންކުރެވޭނެ ކަމަށް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.