Advertisement

ހޮޓެލް ބުކިންއެއް ހެއްދުމަށްފަހު ފޭކު ސްލިޕެއް ފޮނުވައި ބުކިން ކެންސަލްކޮށް ފައިސާ ހޯދަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު

10 Apr 2026 | 23:45
މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަކަރާއި ހީލަތް ހެދުމާއި ޞައްޙަ ލިޔުމަށް ބަދަލުގެނައުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.

ބަންދުކޮށްފައިވަނީ ނ. ވެލިދޫ، އިހާޒް، މުޙައްމަދު އަނޫފް (25 އަހަރު) އެވެ. މީނާ މިހާރު ދިރިއުޅެނީ މއ. އެކްސްޓަރަލް، ކ. މާލެ ގައެވެ.

Advertisement

ބަންދު އަމުރުން އެނގޭ ގޮތުގައި މީނާ ވަނީ ހޮޓެލް ބުކިންއެއް ހެއްދުމަށްފަހު ފޭކު ޕޭމަންޓް ސްލިޕެއް ފޮނުވައިފައެވެ. އެއަށްފަހު ބުކިން ކެންސަލްކޮށް ނަގުދު ފައިސާއިން ރިފަންޑު ހޯދަން އެދިފައިވެއެވެ. ރިފަންޑުގެ ފައިސާ ބަލައި ހޮޓެލް އޮފީހަށް ދިޔައީ މީނާއެވެ. މީގެ ކުރިންވެސް މިފަދަ ކަމެއް ތަކުރާރުކޮށްފައިވާ ކަމަށް ތަޙުޤީޤީ އޮފިސަރު ފާހަގަކޮށްފައިވެއެވެ. ކުރީ ފަހަރު ބުކިން ހެއްދުމަށްފަހު ފައިސާ ފޮނުވުމަށް އެދި ދީފައިވަނީ މީނާގެ އެކައުންޓު ނަންބަރު ކަމަށްވެސް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މީނާ ބުނެފައިވަނީ ރައްޓެއްސަކު ބުނެގެން ފައިސާ ބަލައި ދިޔައީ ކަމަށެވެ.

މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅިފައިވަނީ މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި، ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި، ވަޓްސްއެޕް މެސެޖްތަކުގެ ސްކްރީންޝޮޓެވެ. މީނާ ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރުމަށް ޤާޟީ އިބްރާހީމް ޛިހުނީ ވަނީ މިއަދު އަމުރުކުރައްވައިފައެވެ.

މީނާއަކީ ހައްޔަރު/ބަންދު ރެކޯޑު އޮތް ފަރާތެކެވެ. ކްރިމިނަލް ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި 2021 ވަނަ އަހަރު ވައްކަންކުރުމުގެ ކުށުގެ ދައުވާ މީނާގެ މައްޗަށް އުފުލައި، 2022 ވަނަ އަހަރު އެ ކުށް ސާބިތުވެ 50,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.

Advertisement

ކޮމެންޓް