Advertisement

ފްލައިޓެއްގައި ފަތުރުވެރިންތަކެއްގެ ފައިސާ ވަގަށްނެގި ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރު

10 Apr 2026 | 23:21
މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ފްލައިޓެއްގައި ދަތުރުކުރި ހަ ފަތުރުވެރިއެއްގެ އަތުން ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަން ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގިއްޖެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، ހިޔާ ފްލެޓް 9-12-17 ގައި ދިރިއުޅޭ އިބްރާހީމް ނަޢީމް، 46 އެވެ. ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައި، ވައްކަމުގެ ތުހުމަތުގައި އޭނާ 10 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

Advertisement

ބަންދު އަމުރުގައިވާ ގޮތުން، އޭނާ އިން ސީޓާ ދިމާލުން ކޮތަޅެއްގެ ތެރެއިން ފައިސާތަކެއް ފެނިފައިވެއެވެ. އެ ކޮތަޅު ހިފައިގެން އޭނާ އުޅުނު ކަމަށް ކެބިންކުރޫއިން ބުނެފައިވާ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި، އެވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުގެ ތަފްސީލު ރިޕޯޓާއި، ފުލުހުންގެ ހާދިސާ ރިޕޯޓާއި، ހަ ފަތުރުވެރިން ހުށަހެޅި ކޮމްޕްލެއިން ފޯމް ހުށަހަޅާފައިވެއެވެ.

ނަމަވެސް ފުލުހުން ތުހުމަތުކުރާ އެއްވެސް ކަމެއް ނުކުރާ ކަމަށް އިބްރާހީމް ނަޢީމް ވަނީ ބުނެފައެވެ. މި އަމުރު ނެރުއްވީ ޤާޟީ އިބްރާހީމް ޛިހުނީއެވެ. ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލުމަށް ފަހުގައެވެ.

މިކަމުގައި ފުލުހުންގެ ރަސްމީ ކޮމެންޓެއް އަދި ލިބިފައިނުވާތީ އިތުރު ތަފުސީލު ލިބިފައެއް ނުވެއެވެ. 

Advertisement

ކޮމެންޓް