Advertisement

އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން މޭއި 17 ވާ އާދިއްތަ ދުވަހު

09 Apr 2026 | 14:41
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ގުނުމުގެ ތެރެއިން /ފޮޓޯ: އީސީ

މި ހިނގާ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުން ކާމިޔާބީ ހޯއްދެވި ކައުންސިލަރުން މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފިއެވެ.

އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރުމުގެ ތާރީޚު ކަނޑައަޅާފައިވަނީ ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެ މަތިން، މިހާރު ތިއްބެވި ކައުންސިލަރުންގެ 5 އަހަރުގެ ދައުރު ހަމަވާ ތާރީޚަށް ބަލައިގެންނެވެ. މިހާރުގެ ކައުންސިލަރުން މަޤާމާ ހަވާލުވެވަޑައިގަތީ 17 މޭއި 2021 ގައި ކަމަށްވާތީ، އައު ދައުރުގެ ކައުންސިލަރުން ހުވާކުރުންވެސް އޮންނާނީ އަންނަ މޭ މަހުގެ 17 ވަނަ ދުވަހުއެވެ.

Advertisement

ނިމިދިޔަ ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ކައުންސިލަރުންގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންވެސް ވަނީ އިންތިޚާބުކޮށްފައެވެ. ނަމަވެސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހުވާކުރާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި އެ ބޭފުޅުން ކުރިއަށް އޮތް ރަސްމިއްޔާތުގައި ކުރައްވާނީ އިޤްރާރުގައި ސޮއިކުރުމެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން ހޮވުމަށް ވޯޓުލުން ކުރިއަށްދިޔައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން ހޮވުމަށް ވަނީ ވޯޓުލާފައެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ބޭނުންވާ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.

Advertisement

ކޮމެންޓް