"ސިއްޙީ ނިޒާމުގެ އިދާރީ ހިންގުމަށް ގެނެވުނު ބަދަލަކީ ހެޔޮ ބަދަލެއް"
ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިދާރީ ހިންގުން ސީދާ މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކޮށް، ހިންގުމުގެ އޮނިގަނޑަށް މުހިންމު އިސްލާހުތަކެއް ގެނެސްފައިވާކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ހާމަކުރައްވައިފިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ބަދަލުގެ ސަބަބުން އިދާރީ މަސައްކަތްތަކަށް ވަނީ ހެޔޮ އަސަރުތަކެއް ކޮށްފައެވެ.
އަތޮޅުތަކުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ހުރި ހުރަސްތަކުގެ ތެރެއިން ރަށްރަށުން އެންމެ ބޮޑަށް ފާހަގަކުރަނީ ސިއްޙީ ވުޒާރާއާ އޮންނަ ގުޅުން ކުޑަވުމުގެ މައްސަލައެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސްފައެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ރަށްރަށުގެ ސިއްޙީ މަރުކަޒުތަކަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމުގައި މަރުކަޒީ އިދާރާއާ އޮންނަ ގުޅުން ކުޑަވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން ގެނެވުނު އިދާރީ ބަދަލުތަކާއެކު މިހާރު ރަނގަޅު ނަތީޖާއެއް ފެންނަން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މި ބަދަލުގެ މަޤްޞަދަކީ ހަމައެކަނި މިނިސްޓްރީއާ ގުޅުވައިދިނުން ނޫން ކަމަށާއި، މަރުކަޒީ ސަރުކާރާ ސީދާ ގުޅިގެން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދީ، އެ ތަންތަނަކީ ބާރުވެރި ތަންތަނަށް ހެދުން ކަމަށެވެ.
މި އާ ނިޒާމުގެ ދަށުން ބަޖެޓުގެ ކަންކަމާއި މުވައްޒަފުން ހޯދުމުގެ މަސައްކަތްތައް ރަށްރަށުގައި ކުރިއަށްދާނީ ސީދާ ސިއްޙީ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. މީގެ ސަބަބުން ކުދި އާބާދީތަކުގެ ސިއްޙީ މަރުކަޒުތަކުން އެހެން އިދާރާތަކަށް ބަރޯސާވުމުގެ ބަދަލުގައި، ސީދާ މިނިސްޓްރީއަށް ހުށަހަޅައިގެން ކަންކަން ނިންމުމުގެ ފުރުޞަތު ލިބޭނެއެވެ.
މިއީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމާފައިވާ ނިންމުމެއް ކަމަށާއި، މީގެ ސަބަބުން ދާއިރާއަށް ކުރިއެރުން ލިބޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. އަދި މި އާ އުޞޫލަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.