Advertisement

ފީއަލީ ބަނދަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އެރަށު އައިސް ޕްލާންޓް ބޭނުންނުކުރެވޭ ވަރަށް އަނދައިފި

09 Apr 2026 | 13:39
ފީއަލި އައިސް ޕްލާންޓް އަނދާ ހުލިވެފައި

ފ. ފީއަލީ ބަނދަރުގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެރަށުގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓް ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ބަނދަރުގައި އޮތް އުޅަނދެއްގައި ރޯވި އަލިފާންގަނޑު ކައިރީގައި ހުރި އައިސް ޕްލާންޓަށް ފެތުރުމުގެ ސަބަބުންނެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވި އުޅަނދާއި އައިސް ޕްލާންޓާ ދޭތެރޭ ހުރީ ގާތްގަނޑަކަށް 15 ވަރަކަށް ފޫޓުގެ ދުރުމިނެކެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރިގެން ދިއުމުގެ ސަބަބުން، 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ހުރި މި ޕްލާންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މި އައިސް ޕްލާންޓަކީ ފެނަކަ ކޯޕަރޭޝަނުން ބަލަހައްޓަމުން ދިއުމަށްފަހު، ޖޫން 2025 ގައި މިފްކޯއާ ހަވާލުކުރި ތަނެކެވެ. އަދި މިފްކޯގެ ބެލުމުގެ ދަށުން މި އައިސް ޕްލާންޓް ރަސްމީކޮށް އޮޕަރޭޝަނަށް ގެނެސްފައިވަނީ އެކެއް ސެޕްޓެމްބަރު 2025 ގައެވެ.

މި ހާދިސާއާ ގުޅިގެން ފީއަލީގެ މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

ކޮމެންޓް