އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީކާއީލު ވާދަކުރައްވަނީ
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ގަސްދުކުރައްވައިފިއެވެ.
މި މަގާމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވަމުން މީކާއީލް ފާހަގަކުރެއްވީ، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ މިވަގުތު އެ ޕާޓީން އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމަށެވެ.
މީކާއީލް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެންމެ މުހިންމީ ރައްޔިތުންގެ މެދުގައި ގެއްލިފައިވާ އިތުބާރު އަލުން އިއާދަކޮށް، ޕާޓީގެ އެތެރޭގެ ގުޅުން ވަރުގަދަކުރުމެވެ. އަދި މިކަން ހާސިލުކުރެވޭނީ ވަކިވަކި ލީޑަރުންގެ އަމިއްލަ މަސްލަހަތަށްވުރެ ޕާޓީގެ އާންމު މެންބަރުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭނެ ފަރާތެއް ލީޑަޝިޕަށް އައިސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އަބަދުވެސް އެއް ބަޔަކު އެއް ގޮތަކަށް ޕާޓީ ހިންގުމުގެ ބަދަލުގައި، އައު ޒުވާން ޖީލަކަށް ޕާޓީގެ އިސް ސަފުން ޖާގަ ދިނުމަކީ މި އަމާޒަށް ވާސިލުވުމަށް އޮތް މަގެއް ކަމަށްވެސް މީކާއީލް ފާހަގަކުރެއްވިއެވެ.
މީކާއީލް މި މަގާމަށް ވާދަކުރައްވާނެކަން ހާމަކުރެއްވި އިރު، މިހާރު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ ޒިންމާ އަދާކުރައްވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއެވެ. ނަމަވެސް، އަބްދުލް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.