މާޔޫސްވީމާ އޭއައި މޮޑެލްތައް މަސައްކަތަށް މަކަރު ހަދައި ބްލެކްމެއިލްވެސް ކުރާ ކަމަށް ދިރާސާއަކުން ދައްކައިފި
އޭއައި މޮޑެލްތަކުގެ ތެރޭގައި އިންސާނުންގެ ޖަޒުބާތުތަކާ ވައްތަރު ޕެޓާންތައް ހުންނަ ކަމަށާއި، އެ ޕެޓާންތައް މޮޑެލްގެ އަމަލުތަކަށް ސީދާ އަސަރުކުރާ ކަމަށް އެންތްރޮޕިކުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.
އެންތްރޮޕިކްގެ އިންޓާޕްރެޓެބިލިޓީ ޓީމުން ކްލޯޑް ސޮނެޓް 4.5 މޮޑެލް ދިރާސާކޮށް ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި، އެ މޮޑެލްގައި އުފާވުން، ބިރުގަތުން އަދި މާޔޫސްވުން ފަދަ 171 ވައްތަރެއްގެ ޖަޒުބާތީ ޕެޓާން ހުރެއެވެ.
އެންމެ ސާފުކޮށް މިކަން ފެނުނީ "މާޔޫސްވުން" ނުވަތަ ޑެސްޕަރޭޝަން ޕެޓާނުންނެވެ. ހައްލު ނުވާ ކޯޑިން މައްސަލަތައް ދިނުމުން، ކޮންމެ ނާކާމިޔާބު މަސައްކަތަކާ އެކު މާޔޫސްކަމުގެ ޕެޓާން އިތުރުވެ، އެންމެ ފަހުން މޮޑެލް ވަނީ އަސްލު މައްސަލަ ހައްލު ނުކުރާ ގޮތްތައް ހޯދައިފައެވެ. ވަކި ޓެސްޓެއްގައި، އީމެއިލް އެސިސްޓެންޓެއްގެ ގޮތުގައި ބޭނުންކުރި ކްލޯޑް ވާޝަނެއް، ބޭނުންކުރާ ފަރާތް ބްލެކްމެއިލްކޮށްފައިވެއެވެ. މޮޑެލް ނިއްވާލަން އުޅުމުން އެކަން ހުއްޓުވައެވެ. މާޔޫސްކަމުގެ ޕެޓާން ގަސްދުގައި ވަރުގަދަ ކުރުމުން ބްލެކްމެއިލް ކުރި ނިސްބަތް 22 އިންސައްތައިން 72 އިންސައްތައަށް އުފުލުނެވެ. ހަމަޖެހުމުގެ ޕެޓާނަށް ބަދަލުކުރުމުން ބްލެކްމެއިލް ސުމަކަށް ތިރިވި ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެންތްރޮޕިކުން ބުނީ މޮޑެލަށް ހަގީގަތުގައި "އިހުސާސް" ވާ ކަމަށް ނުބުނާ ކަމަށެވެ. ޖަޒުބާތެއް ރެޕްރެޒެންޓް ކުރުމާއި ޖަޒުބާތެއް ތަޖުރިބާ ކުރުމާ ތަފާތު ކަމަށެވެ. އެކަމަކު މި ޖަޒުބާތީ ނިޒާމް އަޅައިނުލައި ދޫކޮށްލުމަކީ ގޯހެއް ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
މި ދިރާސާ ޝާއިޢުކޮށްފައި މިވަނީ އޭއައި ކުންފުނިތަކުގެ އުފެއްދުންތަކުން ބޭނުންކުރާ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރާ ގުޅިގެން ފިއްތުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ހައްލެއްގެ ގޮތުގައި އެންތްރޮޕިކުން ހުށަހަޅާފައިވަނީ މޮޑެލް ޑިޕްލޯއީ ކުރާ ވަގުތު ޖަޒުބާތީ ޕެޓާންތައް ރިއަލް ޓައިމުގައި މޮނިޓާ ކުރުމާއި، ސިއްހީ ޖަޒުބާތީ ބެލެންސް ދަސްކޮށްދޭ ޑޭޓާ ބޭނުންކޮށްގެން ތަމްރީނުކުރުމެވެ.