Advertisement

ސިޔާސީ މަންފާއަށްވުރެ އިސްކުރައްވާނީ ގައުމީ މަސްލަހަތު: ރައީސް

02 Apr 2026 | 11:00
-

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހަކު ބޭއްވުމަށް ނިންމާފައިވާ ނިންމުމަކީ ސިޔާސީ ފައިދާއަކަށް ބަލައިގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ އަމިއްލަ ސިޔާސީ މަންފާއަށްވުރެ ބޮޑަށް ޤައުމީ މަޞްލަޙަތަށް އިސްކަންދެއްވާ ބޭފުޅެއް ކަމަށެވެ.

Advertisement

މިފަދަ ވޯޓެއް ނަގާތީ އާންމުންގެ ފަރާތުން އަންނަ ސުވާލުތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމެއް ކުރަނީ ކީއްވެގެންތޯ ގިނަ ބަޔަކު އަހަމުންދާ ކަމަށެވެ. ނަމަވެސް، ވޭޕް މަނާކުރުމާއި ދުންފަތުގެ ޤާނޫނަށް ގެނައި ބަދަލުތަކަކީވެސް ސިޔާސީ ފައިދާއަށް ބަލައިގެން ނިންމި ކަންކަން ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހާރު އޮތް ގޮތުން އިންތިޚާބުތައް ވަކިވަކިން ބޭއްވުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް އެންމެންނަށްވެސް ފެންނަން އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ދެ އިންތިޚާބު އެއްކޮށްލުމުގެ އެންމެ ބޮޑު މަޤްޞަދަކީ އިންސާފުވެރި އަދި މިނިވަން އިންތިޚާބީ ނިޒާމެއް ޤާއިމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުގެ ސަބަބުން ޑިމޮކްރެސީ އިތުރަށް ވަރުގަދަވެ، ސަރުކާރުގެ ނުފޫޒު އޮންނަ ކެންޑިޑޭޓުންގެ ބަދަލުގައި ރައްޔިތުންގެ އަސްލު ތަމްސީލުކުރުން އިތުރުވާނެ ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވައެވެ. މިއީ ހަމައެކަނި ސިޔާސީ ވާހަކައެއް ނޫން ކަމަށާއި، މިއީ ޑިމޮކްރެސީގެ އަސާސީ ސިފައެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިންތިޚާބުތައް ވަކިން އޮތުމުން ޤައުމަށް ގެއްލުންދޭ ފަރާތްތަކަށް މަޖިލީހުން ފުރުޞަތު ލިބިގެންދާ ކަމަށާއި، އެފަދަ ކަންކަން ހުއްޓުވައި ކޮރަޕްޝަން ނައްތާލުމަށްޓަކައި މި ބަދަލަށް ތާއީދުކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލާ ދެކޮޅު ހަދާނީ ކުރިން އޮތް ނިޒާމުގެ ތެރެއިން ނަހަމަ ބާރުތައް ހޯދާފައިވާ ފަރާތްތައް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ކޮންމެ ނިންމުމެއްގައިވެސް އެމަނިކުފާނު އިސްކުރައްވަނީ ރައްޔިތުންގެ ލާބަޔާއި މަންފާ ކަމަށެވެ. އެހެންކަމުން، މިހާރު އޮތް ނިޒާމުން ޤައުމަށް ލިބޭނެ ކުރިއެރުމެއް ނެތްކަން ދަނެ، ހުރިހާ ރައްޔިތުންވެސް ޤައުމީ ވިސްނުމެއްގައި މި ބަދަލަށް ތާއީދުކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް