Advertisement

ހުޅުމާލޭ ފޭސް ތިނެއްގައި 2000 ފުލެޓު ހެދުމަށް ހަތް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅައިފި: ވަޒީރު މުއްތަލިބު

01 Apr 2026 | 14:47
ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު

ހުޅުމާލެ ފޭސް ތިނެއްގައި 2,000 ހައުސިން ޔުނިޓު އިމާރާތްކުރުމަށް ހުޅުވާލި ފުރުސަތުގައި ހަތް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއަކީ ސަރުކާރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެ ފޭސް އެކެއްގައި ހަދާ ފުލެޓުތަކުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް ހާއްސަކޮށްގެން ހުޅުވާލި މި ފުރުސަތުގެ މުއްދަތު މިއަދު ހަމަވިއިރު، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އަޅާ ފުލެޓުތަކުގެ އަގު ހެޔޮކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދިނުމަށް ނިންމާފައެވެ. އެގޮތުން އެއްވެސް އަގަކާ ނުލައި ބިން ހަމަޖައްސައިދިނުމާއި، އިމާރާތްކުރުމަށް އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރުމުގެ އިތުރުން، ފުލެޓު ގަންނަ ފަރާތްތަކުން ޖީއެސްޓީ ދައްކަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ލުއިތަކާއެކު، ތިން ކޮޓަރީގެ ފުލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދެ ކޮޓަރީގެ ފުލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ އެވެ. 

ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި 950 އަކަފޫޓު ހުންނައިރު، ދެ ކޮޓަރީގެ ތަންތަނުގައި ހުންނާނީ 700 އަކަފޫޓެވެ. މީގެ އިތުރުން، ކާރު ޕާކުކުރާނެ ޖާގަ ވިއްކޭނެ އެންމެ މަތީ އަގަކީ 450,000 ރުފިޔާއެވެ.

މިނިސްޓަރު މުއްތަލިބު އިތުރަށް ވިދާޅުވީ، "މި މޮޑެލްގެ ދަށުން އަޅާ ފުލެޓުތައް ގަނެވޭނީ މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ ސްކީމުތަކަށް ޝަރުތު ހަމަވެ، ފުލެޓަށް އެދި ފޯމު ލާފައިވާ ފަރާތްތަކަށް" ކަމަށެވެ. އެހެންކަމުން މި ފުލެޓުތައް ގަންނަން ބޭނުންވާ ފަރާތްތަކުން މިހާރު ހުޅުވާލާފައިވާ ސްކީމުތަކަށް ފޯމު ހުށަހެޅުމަކީ މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއަކީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، ނަމަވެސް ހެޔޮ އަގުގައި ލިބޭނަމަ ގަތުމުގެ ގާބިލުކަން ހުރި އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ކޮންމެ ޓަވަރެއްގެ މަދުވެގެން 70 ޕަސެންޓަކީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ވާންޖެހޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

Advertisement

ކޮމެންޓް