ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މާރިޗު މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ދިނިޝް މުރުގަން އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަންގެ ތެރެއިން އޭނާ ދިރިއުޅޭ އެޕާޓްމަންޓާއި އޭނާ ދުއްވި ސައިކަލު ބަލައިފާސްކުރިއިރު12 ފުޅި ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާ ދުއްވި ސައިކަލު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައެވެ.
މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ތުހުމަތުކުރެވޭ މީހާ ރާއްޖެއިން ޑީޕޯޓްކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ފުލުހުންގެ ޚިދުމަތުން ގެންދަނީ މެދުނުކެނޑި އެންޓި ނާކޮޓިކްސް އޮޕަރޭޝަންތައް މުޅި ރާއްޖޭގައި ހިންގަމުންނެވެ.