Advertisement

ޗާގޯސްގެ ރަށްތަކުގައި މީހުންނަށް ދިރިއުޅެވޭނެކަމަށް ކޯޓުން ކަނޑައަޅައިފި

31 Mar 2026 | 12:07
ޗާގޯސް

ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ގެ ސުޕްރީމް ކޯޓުން، ޗާގޯސްގެ ބޭރު ރަށްތަކުގައި މީހުންނަށް ދިރިއުޅުން މަނާކުރާ ގާނޫނު މިއަދު ބާތިލުކޮށްފިއެވެ.

މިއީ ދިވެހިރާއްޖޭގެ މަސްލަހަތާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމެކެވެ. ސަބަބަކީ ޗާގޯސްއަކީ ދިވެހީންގެ މިލްކެއް ކަމަށް މިހާރުގެ ސަރުކާރުން ވަކާލާތު ކުރަމުންދާތީއެވެ.

Advertisement

ކޯޓުގެ މި ނިންމުމާއެކު، 2004 ވަނަ އަހަރުން ފެށިގެން ޗާގޯސްގެ އަސްލު ވަޒަންވެރިން އެމީހުންގެ އުފަން ބިމަށް އެނބުރި ދިއުމަށް ކުރިމަތިވެފައި އޮތް ގާނޫނީ ހުރަސްތަކަށް ވަނީ ނިމުމެއް އައިސްފައެވެ.

މި މައްސަލަ ޝަރުއީ މަރުހަލާއަށް ދިޔައީ، މިދިޔަ ފެބްރުއަރީ މަހު ޗާގޯސްގެ ހަތަރު މީހަކު ހިމެނޭ ގޮތަށް ނުވަ މީހުންގެ ޓީމަކުން، ޑިއޭގޯ ގާސިއާއާ 135 މޭލު ދުރުގައި އޮންނަ އީލް ޑޫ ކޮއިންއަށް އެރުމުން، އެތަނުން ފޭބުމަށް އިނގިރޭސި ސަރުކާރުން މަޖުބޫރު ކުރުމާ ގުޅިގެންނެވެ.

ބީއައިއޯޓީގެ ޗީފް ޖަސްޓިސް ޖޭމްސް ލުވިސް ކުރެއްވި ހުކުމުގައި ބަޔާންކުރެއްވީ، މުޅި އާބާދީއެއް އެމީހުންގެ ވަޒަނުން ނެރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށާއި، ހަމައެކަނި އިދާރީ ނިންމުމަކުން އެކަން ނުކުރެވޭނެ ކަމަށެވެ. އަދި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް އެއްބަސްވުމުގެ ސަބަބުން، ސަލާމަތީ ނުރައްކަލެއް އޮތް ކަމަށް ބުނެ މީހުން ވަޒަންވެރިވުން މަނާކުރުމުގެ ބާރު މިހާރު ގެއްލިފައިވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށްފަހު، ޑިއޭގޯ ގާސިއާގައިވާ އަސްކަރީ މަރުކަޒު 99 އަހަރަށް ބޭނުންކުރުމަށް އިނގިރޭސިވިލާތުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވެ އެ ނިންމުމަށް ފާޑުވިދާޅުވެފައެވެ.

އިނގިރޭސި ފޮރިން އޮފީހުން ވަނީ ކޯޓުގެ މި ހުކުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ. ހަމައެއާއެކު، އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ޝެޑޯ ފޮރިން ސެކްރެޓަރީ ޕްރިޓީ ޕަޓޭލް ވަނީ، ބޮޑުވަޒީރު ކިއާ ސްޓާމާ ޗާގޯސްގެ ރައްޔިތުންނާ މެދު އަމަލުކުރައްވަނީ އުނދަގުލެއްގެ ގޮތުގައި ކަމަށް ތުހުމަތުކުރައްވައި، މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ގޮވާލައްވާފައެވެ.

Advertisement

ކޮމެންޓް
ދިރާސާ
ޗާގޯސް އަސްލު ރަށްވެހިންނަކީ ދިވެހިންނެވެ
01 Apr 2026